02 ޖުލައި 2025 - 11:38

ސޯޝަލް މީޑިއާގައި ހިންގާ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކަންކަމާއި އެހެން ޖަރީމާތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކާއެކުގައި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރީ ފުލުހުން އެދިގެންނެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަތަކާ ގުޅޭ ގޮތުން އެ އިދާރާއިން ދައްކަން ހުރި ބައެއް ވާހަކަތަކަކީ އާންމުކޮށް އެންމެންނަށް އެނގެން ބޭނުން ނުވާނެ ވާހަކަތައް ކަމަށް ވާތީ ކޮމިޓީ ސިއްރުކޮށްދޭން އެދޭ ކަމަށެވެ.
ޝަރީފްގެ އެދުމާ އެއްގޮތަށް މެމްބަރުން ނިންމެވީ ކޮމިޓީ ސިއްރުކުރާށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރީ ފުލުހުންގެ އިސްވެރިންގެ އިތުރުން އެމްއެންޑީއެފާއި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިންނެވެ.
މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދެ ކަމަކާ ގުޅޭ ގޮތުން އެ އިދާރާތަކާ އެކުގައި މަޝްވަރާކުރުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.
އެއީ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ސޯޝަލް މީޑިއާގައި އެކިއެކި ޕްލެޓްފޯމުތަކުގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތްކުރާތީ އެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމާއި ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ އެހެން މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކުރުމެވެ.
ސޯޝަލް މީޑިއާގައި އެކިއެކި ޕްލެޓްފޯމުތަކުގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތް ކުރާ މައްސަލާގައި މަޖިލީހަށް ވަނީ އާންމުންގެ ޝަކުވާ ލިބިފަ އެވެ. އެ މައްސަލަ ބަލަން ކޮމިޓީން ނިންމީ އެ ޝަކުވާތަކާ ގުޅިގެންނެވެ.
ރާއްޖޭގެ ހިންގާ ބޮޑެތި ޕިރަމިޑް ސްކީމްތަކުން އެތައް ބަޔަކަށް ލަނޑު ލިބިފައިވާތީ، އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިރުހާނެވެ. އެ މައްސަލާގައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ހުށަހެޅުއްވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތައް ބެލުމަށެވެ.
އެހެންވެ، އެ ދެ މައްސަލަ އެއްކޮށް ބަލަން ކޮމިޓީން ނިންމާފައިވެ އެވެ.