ފެންވަރު ރަނގަޅު ޓެކްސީތަކެއް އެމްޓީސީސީން މާލެ ގެންނަނީ
ފެންވަރު ރަނގަޅު ޓެކްސީތަކެއް އެމްޓީސީސީން މާލެ ގެންނަނީ

ފެންވަރު ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގިނަ އަދަދެއްގެ ޓެކްސީ ގެނައުމަށް ނިންމައިފި އެވެ.

ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލީ އެމްޓީސީސީން އެކަންޏެވެ. އެހެންވެ، ޓެކްސީ އެތެރެކޮށް، ތިން މަހެއްގެ ތެރޭގައި ހިދުމަތް ދޭން ފެށުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދެނީ ތިމާވެއްޓާ ރަހުމަތްތެރި ޒީރޯ އެމިޝަން ކާރުގަ އެވެ. އަދި ޓެކްސީން އަގު ނަގަނީ ދަތުރު ކުރާ ދިގުމިނަށް، މީޓަރަށް ބަލައިގެންނެވެ. އޭގެ އިތުރުން އެ ޓެކްސީން ކޭޝް ކާޑާއި ކްރެޑިޓް ކާޑުން ވެސް ފައިސާ ދެއްކޭނެ އެވެ.

މަދުވެގެން 50 ކާރަށް މި ހިދުމަތް ދޭން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފަ އެވެ. އެކަމަކު އެމްޓީސީސީން ގެންނާނެ ޓެކްސީގެ އަދަދެއް އެ ކުންފުންޏަކުން ނުބުނެ އެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ ވަރަށް ގިނަ ޓެކްސީތަކެއް ގެނެސްގެން މިކަން ފަށަން،" އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ލަތީފް ވިދާޅުވި އެވެ.

ޕްރީމިއަމް ކާރުގެ ހިދުމަތް ދޭން ނިންމާފައިވަނީ މިހާރަށް ވުރެ ފެންވަރު ރަނގަޅުކޮށް، އޮންލައިންކޮށް ބުކިން ހެއްދޭ ގޮތަށެވެ.

ލަތީފް ވިދާޅުވީ މާލޭގައި މިހާރު ޓެކްސީއެއް ހޯދުން އުނދަގޫކަމަކަށް ވެފައިވާއިރު ބްރިޖް އެޅުމުން އެ މައްސަލަ ބޮޑުވާނެ ކަމަށެވެ. އަދި އޭރުން ޕްރައިވެޓް ކާރު ހޯދާ މީހުންގެ އަދަދު އިތުރުވާނެ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

"ބްރިޖު އެޅުމުން ޕްރައިވެޓް ކާރުތައް އިތުރުވާނެ. އެއީ އަނެއްކާ ވެސް ޓްރެފިކް ބޮޑުވާނެކަމެއް. އެކަމަކު ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަ ކުރުމުން އިތުރު ކާރު އައުމުގެ މައްސަލަ ހައްލުވާނެ،" ލަތީފް ވިދާޅުވި އެވެ.

މިހާރު މާލޭގައި ދުއްވާ ގިނަ ކާރުތައް ބާވެ، ވަރަށް ބޮޑަށް ދުން އަރާތީ އޭގެ ނޭދެވޭ އަސަރު ވެސް ކުރާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެމްޓީސީސީން ބުނީ ޕްރީމިއަމް ޓެކްސީން ނަގާނީ އެހެން ޓެކްސީތަކާ ވެސް ވާދަކުރެވޭ އަގެއް ކަމަށާއި އޭރުން އަގަށް ވެސް އެކަށީގެންވާ ބަދަލެއް އަންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޕްރީމިއަމް ޓެކްސީގެ ހިދުމަތް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް އެ ކުންފުނިން ދޭނެ އެވެ.

ޕްރީމިއަމް ޓެކްސީގެ ހިދުމަތާއެކު އެ ކުންފުނިން ބަހުގެ ހިދުމަތް ވެސް ދޭން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.