02 ޖުލައި 2025 - 10:39

ނެޓްފްލިކްސް އިން މިދިޔަ ހުކުރު ދުވަހު ސްޓްރީމްކުރަން ފެށި ދެކުނު ކޮރެއާގެ ކާމިޔާބު ތުރިލާ ސީރީޒް "ސްކުއިޑް ގޭމް"އަށް ތާރީހީ ރެކޯޑެއް ލިބިއްޖެ އެވެ.
ނެޓްފްލިކްސް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ "ސްކުއިޑް ގޭމް" ތިންވަނަ ސީޒަން ސްޓްރީމްކުރަން ފެށި ފުރަތަމަ ދުވަހު ދުނިޔޭގެ ހުރިހާ ގައުމެއްގައި ސްޓްރީމްކުރާ އެއްވަނަ ޝޯއަށް ވެފައިވާ ކަމަށެވެ. އެއީ ނެޓްފްލިކްސްގެ ތާރީހުގައި އަދި އެއްވެސް ސީރީޒަކަށް ލިބިފައިވާ ރެކޯޑެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.
"ސްކުއިޑް ގޭމް" އެއްކޮށް ނިންމާލާ މި ސީޒަންގައި ޖުމްލަ ހަ އެޕިސޯޑު ގެނެސްދީފައިވެ އެވެ.
ދެކުނު ކޮރެއާގެ މިހާރުގެ އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ސީރީޒްގެ "ސްކުއިޑް ގޭމް"ގެ ލީޑު ރޯލު ކުޅެނީ ދެކުނު ކޮރެއާގެ އެކްޓަރު ލީ އުންޖޭ އެވެ. ފުރަތަމަ ސީޒަންއާ ހިލާފަށް ދެވަނަ ސީޒަނާއި ތިންވަނަ ސީޒަންގެ ކާސްޓުގައި ވަނީ ދެކުނު ކޮރެއާގެ ވަރަށް މަޝްހޫރު ތަރިން ހިމަނައިފަ އެވެ.
ފުރާނައަށް ނުރައްކާތެރި ގޭމް ކުޅެގެން މޮޅުވާ މީހަކަށް ފައިސާގެ ބޮޑު އިނާމެއް ލިބޭ "ސްކުއިޑް ގޭމް" 2021 ވަނަ އަހަރު ނެރުމާ އެކު، މި ސީރީޒްވީ ބޮޑު ހިޓަކަށެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒަށެވެ.