02 ޖުލައި 2025 - 09:44

ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ކަންޓްރީ މެނޭޖަރުގެ ދައުރު އިތުރަށް ފުޅާކޮށް، ރާއްޖޭގައި އެ ބޭންކު ގުރޫޕުގެ މެނޭޖަރުގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އަރުމޭނިއާ އަށް އުފަން، ގެވޯގް ސާގްސިއަން ރާއްޖޭގެ ކަންޓްރީ މެނޭޖަރަކަށް ވޯލްޑް ބޭންކުން އައްޔަނުކުރީ މިދިޔަ އަހަރު އެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ސާގްސިއަން އަދާކުރަމުންދާ ދައުރު ފުޅާކޮށް، ޕްރައިވެޓް ސެކްޓަރަށް އަމާޒުކޮށް ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އާއި މަލްޓިލޭޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އެޖެންސީ (އެމްއައިޖީއޭ)ގެ މަސައްކަތްތައް ބެލެހެއްޓުމުގެ ޒިންމާތައް ވެސް ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ، އެ ބަޔާނުގައި ބުނި ގޮތުގައި، ރާއްޖޭގައި މުޅި ވޯލްޑް ބޭންކު ގުރޫޕުގެ ލީޑަޝިޕް ވަރުގަދަކޮށް، އެއް ބޭފުޅެއްގެ ދަށުން ރާއްޖޭގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުން އިސްކަންދޭ ކަންކަމަށް ވޯލްޑް ބޭންކު ގްރޫޕްގެ އެހީތެރިކަން އެންމެ ފުޅާކޮށް ފޯރުކޮށްދެވޭނެ މަގުފަހިކުރުމެވެ.
ސާގްސިއަން ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު 2000 ވަނަ އަހަރުން ފެށިގެން ވޯލްޑް ބޭންކުގައި މަސައްކަތް ކުރައްވައިފަ އެވެ.
ޔޫކްރޭނާއި ބެލަރޫސްގެ ކަންޓްރީ މެނޭޖަރާއި، އިރުދެކުނު އޭޝިއާގެ އޮޕަރޭޝަންސް މެނޭޖަރުކަމާއި އަދި ގްލޯބަލް ލީޑް ފޯ ކްލީން އެނާޖީ ފަދަ އިސް މަގާމުތައް އޭނާ އަދާކުރައްވައިފަ އެވެ.
އާ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ސާގްސިއަން ވިދާޅުވީ، ރާއްޖޭގައި ޕްރައިވެޓް ސެކްޓަރުގެ ކުރިއެރުމަށް ޖާގަ ވަރަށް ފުޅާކޮށް އެބައޮތް ކަމަށެވެ.
"މި އާ ޒިންމާތަކާއެކު، އަޅުގަނޑު އިސްކަންދޭނީ، ދެމެހެއްޓެނިވި އަދި ވިލުންވެރި އިގްތިސާދީ މުސްތަގުބަލެއް ހާސިލުކުރުމުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު ފުޅާކުރުމަށް ވޯލްޑް ބޭންކުގެ ދައުރު އިތުރަށް ވަރުގަދަކޮށް ފުޅާކުރަން،" އޭނާ ވިދާޅުވި އެވެ.
ވޯލްޑް ބޭންކުގެ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމާއެކު، ރާއްޖޭގައި ވޯލްޑް ބޭންކްގެ ބައިވެރިވުމާއި ދައުރު އަވަސްވެވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.