ޓްރަމްޕްގެ ސިޔާސަތު ބަދަލުކުރަން ޖަމާއަތްތަކުން ފީފާގެ އެހީ އަށް އެދިއްޖެ
ޓްރަމްޕްގެ ސިޔާސަތު ބަދަލުކުރަން ޖަމާއަތްތަކުން ފީފާގެ އެހީ އަށް އެދިއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތު "ހަރުކަށި ކަމަށް" ބުނެ އެކަން ބަދަލުކޮށްދޭން ފީފާގެ އެހީ އަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން އެދިއްޖެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އެޑްރެސްކޮށް އެމެރިކާގެ ހައްގުތަކުގެ ޖަމާއަތްތަކުން ސޮއިކޮށް، ފޮނުވި ޕެޓިޝަންގައި ބުނީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް އެކި ގައުމުތަކުގެ ސަޕޯޓަރުން ދަތުރުކުރަން ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުގެ ސަބަބުން ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ.

އެމެރިކާ އަށް ދަތުރު ކުރާ އެހެން ގައުމުތެކުގެ މީހުން ސިއްރިޔާތުގައި އެ ގައުމުގައި ވަޒަންވެރިވާކަމަށް ބުނެ ޓްރަމްޕްގެ ސަރުކާރުން ވަނީ އިމިގްރޭޝަން ސިޔާސަތުގެ ދަށުން ބައެއް ގައުމުތަކުގެ މީހުން އެ ގައުމަށް އެތެރެވުން ވެސް މަނާކޮށްފަ އެވެ. އެމެރިކާއިން ކުރިން ރަށްވެހިކަން ދީފައިވާ ބައެއް މީހުންގެ ރަށްވެހިކަން ވެސް ޓްރަމްޕްގެ ސަރުކާރުން ބާތިލު ކުރި އެވެ.

ހައްގުތަކަށް ގޮވާލާ ޖަމާއަތްތަކުން ބުނިގޮތުގައި، ޓްރަމްޕްގެ ސިޔާސަތުގެ ސަބަބުން އިންސާނީ އަސާސީ ހައްގަށް އުނިކަން ލިބެ އެވެ. އެކަން ބަދަލުކޮށް ދިނުމުގައި ފީފާ "ނުފޫޒު" ބޭނުން ކުރުމަށް އެ ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ޓްރަމްޕާ ގާތްގުޅުމެއް އުފައްދަވައިފަ އެވެ. އަދި ސައުދީ އަރަބިއާ އާއި ގަތަރަށް ޓްރަމްޕް ކުރެއްވި ދަތުރުފުޅުގައި އިންފަންޓީނޯ ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމެނެސްޓީ އިންޓަނޭޝަނަލް އާއި ހިޔުމަންރައިޓްސް ވޮޗުން ވެސް ސޮއިކޮށްފައިވާ ޕެޓިޝަންގައި އެދިފައި ވަނީ ޓްރަމްޕްގެ އެ ސިޔާސަތު ބަދަލުކުރަން ޕަބްލިކްގައި ފީފާއިން ވަކާލާތު ކޮށްދިނުމަށެވެ. ގާތްގަނޑަކަށް 90 ޖަމާއަތަކުން އެ ޕެޓިޝަންގައި ސޮއިކުރި އެވެ.