01 ޖުލައި 2025 - 11:46

މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލްގެ ވަފުދެއް އޮސްޓްރިއާއަށް ފުރައިފި އެވެ.
އޮސްޓްރިއާގެ ވިއެނާގައި މާދަމާއި އިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ 14 ވަނަ މޭޔަރުންގެ ފޯރަމްގައި ކައުންސިލުން ބައިވެރިވަނީ މޭޔަރު އާދަމް އާޒިމް އާއި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަންގެ އިތުރުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ.
މޭޔަރު އާޒިމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ބައިވެރިވުން އެފަދަ ފޯރަމްތަކަށް ވަރަށް މުހިންމު ކަމަށެވެ.
ޕޮލިސީ ލެވަލްގައި އެކި ގައުމުތަކުގެ މޭޔަރުން ބައިވެރިވެގެން ނިންމާ މުހިންމު ނިންމުންތަކުން މާލެއަށް ފައިދާ ކުރާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އެ ފޯރަމަކީ ދުނިޔޭގެ އެކި ސިޓީތަކުގެ ވެރިންނާ ގުޅުން ބަދަހިކުރުމާއި ރަނގަޅު އާދަތައް ހިއްސާކުރުމާއި ސިޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭނުންތެރި މަސައްކަތެއް ކަމަށެވެ.
މޭޔާސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓު އެންމެ ފަހުން ބޭއްވީ ސިންގަޕޫރުގަ އެވެ.