އިބްރާހިމްގެ ދެވަނަ ފިލްމުގެ ޓީޒާ، ކުޅެނީ ނުބައި މީހެއްގެ ރޯލު!
އިބްރާހިމްގެ ދެވަނަ ފިލްމުގެ ޓީޒާ، ކުޅެނީ ނުބައި މީހެއްގެ ރޯލު!

ބޮލީވުޑްގެ ޒުވާން އެކްޓަރު އިބްރާހިމް އަލީ ޚާންގެ ދެވަނަ ފިލްމު "ސަރްޒަމީން"ގެ ޓީޒާ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.

"ސަރްޒަމީން" އަކީ އިބްރާހިމްއާ އެކު ކާޖޮލް އާއި ޕްރިތުވިރާޖު ސުކްމަރަން ލީޑު ރޯލު ކުޅޭ ފިލްމެކެވެ.

މިނެޓަކާއި 30 މިނެޓުގެ ޓީޒާ ޓްރެއިލާއިން އެނގޭ ގޮތުގައި، އެއީ ހަނގުރާމަ މަތީ ފިލްމެކެވެ. އެ ފިލްމުގައި ޕްރިތުވިރާޖު ކުޅެނީ ސިފައިންގެ މީހެއްގެ ރޯލެވެ. ކާޖޮލް ކުޅެނީ އޭނާގެ އަނބިމީހާގެ ރޯލެވެ. އަދި އިބްރާހިމް އެ ފިލްމުގައި ކުޅެނީ މި ފިލްމުގެ ވިލަންގެ ރޯލެވެ.

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ "ސާރުޒަމީން" ޑައިރެކްޓުކުރަނީ އެކްޓަރު، ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ އެވެ.

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހިމް ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ނާދާނިޔާން" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ވަރަށް ގިނަ ފާޑުކިޔުންތައް ލިބުނެވެ. އޭނާއެކު އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ ޝްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރެވެ.

"ސަރްޒަމީން" ޕްރިމިއާކުރަނީ މި މަހު 25 ގައި ޖިއޯ ހޮޓްސްޓާއިންނެވެ.