21 މާޗް 2017 - 12:07

މެޑްރިޑް (މާޗް 21) – ރެއާލް މެޑްރިޑަށް ދުވަހަކު ވެސް ކޯޗުކޮށްނުދޭނެ ކަމަށް، އެ ކްލަބާ ވާދަވެރި އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
އާޖެންޓީނާ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ 2011 ވަނަ އަހަރު އެތުލެޓިކޯއާ ހަވާލުވެ ވަނީ އެ ޓީމަށް ސްޕެނިޝް ލީގާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ގެންގޮސްްދީފަ އެވެ. ދެ ފަހަރު ވެސް ބަލިވީ މެޑްރިޑް އަތުންނެވެ.
އޭނާ ގެންދަން ދުނިޔޭގެ ބޮޑެތި ކްލަބްތަކުން ބޭނުންވެ އެވެ.
"އަހަރެން ދުވަހަކު ވެސް ރެއާލް މެޑްރިޑަށް ކޯޗުކޮށްނުދޭނަން. އެއީ ގަބޫލުކުރެވޭނެ ކަމެއް (ދެ ކްލަބުގެ މެދުގައި އޮތް) ވާދަވެރިކަމުގެ ސަބަބުން. ރެއާލް މެޑްރިޑުން ވެސް އަހަރެން ބޭނުމެއް ނުވާނެ،" ސިމިއޯނީ ބުންޏެވެ.
ސިމިއޯނީ ބުނީ އޭނާ އަކީ އަދިވެސް ޒުވާން ކޯޗެއް ކަމަށާއި އެހެންކަމުން ކޮންމެވެސް ދުވަހަކު ސްޕެއިނުގެ އެހެން ކްލަބަކަށް ކޯޗުކޮށްދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް ކޮންމެވެސް ދުވަހަކު ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"ކޮންމެވެސް ހިސާބަކުން އަހަރެން ބޭނުންވޭ އާޖެންޓީނާ އަށް ކޯޗުކޮށްދޭން. އެކަމަކު އަހަރެން އެބަޖެހޭ ކޯޗިންގައި ކުރިއެރުން ހޯދަން. އަހަރެން ބޭނުންވަނީ އަހަރެންގެ ކެރިއަރުގެ ފަހުކޮޅު އާޖެންޓީނާއަށް ކޯޗުކޮށްދޭން،" ސިމިއޯނީ ބުންޏެވެ.
ރިޕޯޓްތައް ގޮތުގައި އެތުލެޓިކޯ ދޫކޮށްލުމަށް ފަހު ސިމިއޯނީ ދެން ހަވާލުވާނީ އޭނާ ކްލަބް ކެރިއަރުގައި ކުޅުނު އިޓަލީގެ އިންޓައާ އެވެ. ސިމިއޯނީ ވަނީ ކޯޗިން ކެރިއަރުގައި މީގެ ކުރިން އާޖެންޓީނާގެ އެސްޓޫޑިއަންޓެސް އާއި ރިވާ ޕްލޭޓާއި އިޓަލީގެ ކަޓާނިއާ އަށް ކޯޗުކޮށްދީފަ އެވެ.