01 ޖުލައި 2025 - 10:04

ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރޯވީ ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯނީގައި ކަމަށެވެ.
ދެ ވަނަ ދޯނީގައި ރޯވި ކަމަށް ލަފާކުރެވެނީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށް ކައުންސިލުން ބުންޏެވެ.
އެ ހާދިސާގައި ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ފިހެގެން ވިލުފުށި ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.
"ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސީމަ ރޯވީ ކަމަށް އަޑުއިވުނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާގެ ތެޔޮ ދޯންޏެއްގައި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބުނެވެ.