ތިލަމާލެ ބްރިޖްގެ ޕައިލްތައް ޖަހައި ނިންމައިފި، މަޝްރޫއުގެ 60 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިއްޖެ
ތިލަމާލެ ބްރިޖްގެ ޕައިލްތައް ޖަހައި ނިންމައިފި، މަޝްރޫއުގެ 60 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިއްޖެ

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ތިލަމާލެ ބްރިޖްގެ ޕައިލްތައް ޖަހައި ނިންމައިފި، މަޝްރޫއުގެ 60 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިއްޖެ
ތިލަމާލެ ބްރިޖްގެ ޕައިލްތައް ޖަހައި ނިންމައިފި، މަޝްރޫއުގެ 60 ޕަސެންޓަށްވުރެ ބޮޑު ބައި ނިމިއްޖެ

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ، ބްރިޖަށް ބޭނުންވާ 263 ޕައިލް އެއްގަމާއި ކަނޑުގެ 68 ތަނެއްގައި ޖަހައި ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ މި މަޝްރޫއުގެ އެންމެ އުނދަގޫ މަރުހަލާގެ ނިމުމެވެ.

ޕައިލް ކުރުމުގެ މަސައްކަތް ނިމުމާ އެކު، މުޅި މަޝްރޫއުގެ 60.84 ޕަސެންޓު މިހާރު ނިމުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދާ ތިލަމާލެ ބްރިޖްގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ.

ތިލަމާލެ ބްރިޖްގައި ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓް ވެސް މިދިޔަ އޭޕްރީލް މަހު ވަނީ ބަހައްޓައިފަ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނެފައިވާ ގޮތުގައި ގުޅީފަޅުގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތަކެވެ.

އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.