ޣައްޒާގައި ދޭ ހަމަލާތަކުން އިޒްރޭލަށް ލިބެނީ ގެއްލުން: އިދިކޮޅު ލީޑަރު
ޣައްޒާގައި ދޭ ހަމަލާތަކުން އިޒްރޭލަށް ލިބެނީ ގެއްލުން: އިދިކޮޅު ލީޑަރު

ޣައްޒާގައި ދޭ ހަމަލާތަކުން އިޒްރޭލަށް މިހާރު ފައިދާއެއް ނުވެ، ލިބެމުން ދަނީ ހުސް ގެއްލުން ކަމަށް އިޒްރޭލުގެ އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި އީރާނާއި އިޒްރޭލުން ކުރި ހަނގުރާމަ ހުއްޓާލުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ފަދަ ލީޑަރުން ވަނީ ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ކުރާ ހަނގުރާމައިގައި ވެސް އެފަދަ އެގްޒިޓް ސްޓްރެޓެޖީއެއް ހޯދުމަށް ނަތަންޔާހޫގެ ކިބައިން އެދިފަ އެވެ.

"ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ކުރިއަށް ގެންދިއުމުން އިޒްރޭލު ދައުލަތަށް މިހާރު އެއްވެސް ފައިދާއެއް ނޯންނާނެ. އެކަމުގެ ސަބަބުން ސަލާމަތާއި ސިޔާސީ ގޮތުންނާއި އިގްތިސާދަށް ގެއްލުންވުން ނޫން ކަމެއް ނުވޭ،" ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ލަޕިޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ސިފައިން ވެސް މި ހަމަލާތަކާ ގުޅޭ ގޮތުން ގެންގުޅޭ ވިސްނުން ކަމަށެވެ.

"ޗީފް އޮފް ސްޓާފް އިޔާލް ޒަމީރު އިއްޔެ ކެބިނެޓަށް ހާޒިރުވެ، ސިޔާސީ ލީޑާޝިޕުން ދެން އޮތް މަގްސަދު ކަނޑައަޅަން ޖެހޭނެ ކަމަށް ބުނި. މި ވާހަކައިގެ މާނައަކީ ޣައްޒާގައި އަސްކަރިއްޔާގެ އެއްވެސް އަމާޒެއް މިހާރު ނެތޭ،" އޭނާ ބުންޏެވެ.

ޕަބްލިކް ބްރޯޑްކާސްޓަރު ކާން އިން ވަނީ އީރާނާ އެކު ހަނގުރާމަ ހުއްޓާލިތާ އެއް ދުވަސް ފަހުން، މިދިޔަ އަންގާރަ ދުވަހު އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ދައްކައިފަ އެވެ. އެއިން ދައްކާ ގޮތުގައި ސާވޭގައި ބައިވެރިވި މީހުންގެ ތިންބައިކުޅަ ދެބައި މީހުން ބޭނުންވަނީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.

އިޒްރޭލުން ކެނޑިނޭޅި ހަމަލާދެމުން ދާއިރު ވެސް ހަމާސް އިން ރަހީނުކޮށްގެން ގެންގޮސް މިހާތަނަށް މިނިވަން ނުކޮށް ތިބި މީހުން ވެސް އިޒްރޭލަކަށް ނުހޯދެ އެވެ.

ޣައްޒާގައި މިފަހަރު ހަމަލާތައް ފެށުނީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއެއްގައި 1،219 މީހުން މަރާލުމާ އެކުގަ އެވެ. އޭގެ ބަދަލުގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 56،531 މީހަކު ޣައްޒާއިން ވަނީ ޝަހީދުވެފަ އެވެ.