ޑޯޓްމަންޑް ކޯޗު ގެންނަން ވާހަކައެއް ނުދައްކަން: އާސެނަލް
ޑޯޓްމަންޑް ކޯޗު ގެންނަން ވާހަކައެއް ނުދައްކަން: އާސެނަލް

ލަންޑަން (މާޗް 21) – އާސެނަލްގެ ކޯޗަކަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ތޯމަސް ޓުޝެލް ގެނައުމަށް އެ ކްލަބާ ވާހަކަދައްކާފައިނުވާނެ ކަމަށް އާސެނަލުން ބުނެފި އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު، އޭނާ އަށް ދެ އަހަރުގެ އާ ކޮންޓްރެކްޓެއް ކްލަބުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ވެންގާ އިސްތިއުފާ ދިނުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ގޮވާލަމުން އަންނާތީ، އޭނާގެ ކުރިމަގު އަދި ސާފެއް ނޫނެވެ.

ކުރިމަގާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެންގާ ވަނީ ދާދި ފަހުން ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވެންގާ ނެތްތަން ފޫބައްދަން އާސެނަލުން ޝައުގުވެރިވާ ދެ ކޯޗުންނަކީ ޓުޝެލްގެ އިތުރުން ޔުވެންޓަސްގެ ކޯޗު މެކްސިމިލިއާނޯ އެލެގްރީ އެވެ. މީގެ ތެރެއިން އެލެގްރީއާ އެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.

ޖަރުމަނުގެ ބިލްޑް ނޫހުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އާސެނަލުން ވަނީ ޓުޝެލްއާ ބެހޭގޮތުން ޑޯޓްމަންޑަށް އިޝާރާތެއްކޮށްފައިވާ ކަމަށެވެ. އެކަމަކު އާސެނަލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޔާގަން ކްލޮޕް ވަކިވުމުން ޑޯޓްމަންޑާ ހަވާލުވި ޓުޝެލްގެ ކޯޗުކަމުގެ ދަށުން ޑޯޓްމަންޑް ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ ޓީމު މިވަގުތު އޮތީ ޖަރުމަން ލީގުގެ ތިން ވަނައިގަ އެވެ.