30 ޖޫން 2025 - 15:11

ރާއްޖޭގެ އެކި ހިސާބުތަކުގައި 1،400 އަށްވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ގުރުއާން ހިތުދަސްކޮށްދޭ 20 ސެންޓަރެއްގައި 1،434 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ 783 އަންހެން އަދި 651 ފިރިހެން ދަރިވަރުންނެވެ.
މާލެ ސަރަހައްދުގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ ގުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ. ތިން ވަނައަށް، 127 ދަރިވަރުންނާއެކު އެންމެ ގިނައީ އިލްމު އިންސްޓިޓިއުޓުގަ އެވެ.
ރަށްރަށުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވަނީ ރ. ކިނޮޅަހުގައި ހިންގާ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގަ އެވެ. އެއީ 80 ދަރިވަރުންނެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ.
އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގަ އެވެ. އެ ސިޓީގައި 65 ހާފިޒުން އެބަތިއްބެވެ.
ދެ ވަނައަށް ހާފިޒުން އެންމެ ގިނަ ފުވައްމުލަކުގައި 61 ހާފިޒުން އެބަތިއްބެވެ.
ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ޅ. ނައިފަރެވެ. އެ ރަށުގައި މި ވަގުތު ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ.