ހާލަތު ގޯސްވެފައިވާ އައިކޮމް އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ
ހާލަތު ގޯސްވެފައިވާ އައިކޮމް އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ

ބޭނުން ނުކުރެވޭ ވަރަށް ހާލަތު ދަށްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގާނެ އާ އިމާރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ހާލަތު ގޯސްވެފައިވާ އައިކޮމް އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ
ހާލަތު ގޯސްވެފައިވާ އައިކޮމް އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ގ. ބިއްލޫރިޖެހިގޭގަ އެވެ.

އިމާރާތުގެ ހާލަތު ހުރި ގޮތުން އެ އޮފީހުގައި މަސައްކަތް ކުރެވޭ ފަދަ މާހައުލެއް ނެތުމުން އޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ބަދަލުކުރީ މިދިޔަ މެއި މަހުގެ 19ގަ އެވެ.

އެ އޮފީހުން ވަނީ އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން މިއަދު އިއުލާންކޮށްފަ އެވެ.

އައިކޮމް އިން އޮފީސް އިމާރާތް ކުޔަށް ހިފަނީ ދެ އަހަރު ދުވަހުގެ މުއްދަތަަކަށެވެ. ދެ ފްލޯގެ އެ އިމާރާތް ވާން ޖެހޭނީ 2500 އަކަފޫޓުގެ ތަނަކަށް ކަމަށް ވެސް އައިކޮމް އިން ބުންޏެވެ.

ބީލަން ހުޅުވުން އޮންނާނީ، 9 ޖުލައި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ކަމަށާއި ބީލަމާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާ ނަމަ[email protected]އަށް އަންނަ މަހުގެ 8ގެ 11:00ގެ ކުރިން މެއިލް ކުރުމަށް ވެސް އައިކޮމްއިން ވަނީ އެދިފަ އެވެ.

އެ އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ، އޮފީސް އިމާރާތް ހުރީ މުވައްޒަފުންނަށް ސިއްހީ ގޮތުން އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ، ފާހަނާ އާއި ސައިކޮޓަރި ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުގެ ސަބަބުން ރަސްމީ ގަޑީގައި ވެސް މަސައްކަތް ކުރަމުން އައީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ދަށްވާން ފެށުމުން އޮފީސް އިމާރާތެއް ހިންގަން ފިނޭންސް މިނިސްޓްރީން އޮކްޓޯބަރު، 2024 ގައި އެންމެ ފަހުން ހުއްދަ ދިނުމުން އިމާރާތެއް ހޯދުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް، ބިޑުގެ އަގު 7.6 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ނޮވެމްބަރު 19، 2024 ގައި އެ މިނިސްޓްރީ އަށް ފޮނުވި އެވެ.

އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް ފަހު، އޮފީސް ހިންގާނެ ޖާގަ ހޯދަން އިއުލާންކުރާނީ ޓެންޑާ ބޯޑުން ކަމަށް ބުންޏަސް އިންފޮމޭޝަން ކޮމިޝަނަރުގެ އަހަރީ ރިޕޯޓު އާއްމުކުރުމާ ހަމައަށް ވެސް އެފަދަ އިއުލާނެއް ކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން މިދިޔަ މާޗު މަހު ބުންޏެވެ.