ޕަރޭޝް "ހީރާ ޕޭރީ 3" ނުކުޅެން ނިންމި ނިންމުން ބަދަލުކޮށްފި
ޕަރޭޝް "ހީރާ ޕޭރީ 3" ނުކުޅެން ނިންމި ނިންމުން ބަދަލުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމު ސީރީޒް "ހީރާ ޕޭރީ"ގެ ތިންވަނަ ބައި ނުކުޅެން އެ ފިލްމުގެ ލީޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕަރޭޝް ރާވަލް ނިންމި ނިންމުން އޭނާ އަނބުރާ ގެންގޮސްފި އެވެ.

އިންޑިއާގެ ޔޫޓިއުބާ ހިމަންޝޫ މެހެތާގެ ޕޮޑްކާސްޓުގައި ޕަރޭޝް ވަނީ އެ ފިލްމާ އަލުން ގުޅުނުކަން ހާމަކޮށްފަ އެވެ. އަދި އެ ފިލްމުގައި އޭނާއާ އެކު ލީޑު ރޯލު ކުޅޭ އަކްޝޭ ކުމާރާއި ސުނިލް ޝެޓީއަށް ވަރަށް ތައުރީފުކޮށްފައިވެ އެވެ.

ޕަރޭޝް ބުނީ އޭރު މައްސަލަ ޖެހުނީ ފިލްމުގެ އުފެދުންތެރިންގެ މެދުގައި ހުރި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މަޝްވަރާތައްކޮށް މިހާރު އެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި ޕަރޭޝް އެ ފިލްމު ދޫކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އަކްޝޭ ވަނީ ޕަރޭޝްގެ މައްޗަށް ދައުވާ ވެސް ކޮށްފަ އެވެ. އެކަމަކު، ފަހުން އެ ދައުވާ އަނބުރާ ގެންދިޔައީ އެވެ. އަކްޝޭއަކީ އެ ފިލްމުގެ ޕްރޮޑިއުސަރެކެވެ.

ޕަރޭޝް އެ ފިލްމު ނުކުޅެން ކުއްލިއަކަށް ނިންމުމުން އަކްޝޭ އާއި ސުނިލް ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.

"ހީރާ ޕޭރީ 3" ޑައިރެކްޓުކުރަނީ ފުރަތަމަ ފިލްމު ގެނެސްދިން ޕްރިޔަދަރްޝަން އެވެ.

"ހީރާ ޕޭރީ" އަކީ ބޮލީވުޑްގެ ކްލެސިކް ކޮމެޑީއެކެވެ. އެ ފިލްމުގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ރިލީޒްކުރި އިރު ދެވަނަ ބައި ރިލީޒްކުރީ 2006 ގަ އެވެ.

އެ ފިލްމަށް ލިބިފައިވާ ތަރުހީބުގެ ބޮޑުކަމަކީ މިއަދު ވެސް އެ ފިލްމުގެ އެކި ސީންތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި މީމްސްތައް ދައުރުވަމުން ދިއުމެވެ.