30 ޖޫން 2025 - 09:18

ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ތަމްސީލުކުރާ އަދަދު ދަށްވުމަކީ ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ގޮންޖެހުމަކަށް ވިޔަަސް ރާއްޖެއިން ބާރު އަޅާނީ އެ ދާއިރާގައި ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުން އަންނަ، ޕާލަމެންޓޭރިޒަމް ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަސީ ދަމަހައްޓައި ރަނގަޅު ވެރިކަމެއް ކުރުމުގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރު ބޮޑު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ދުނިޔެ އާއި ގައުމީ ފެންވަރުގައި ވެސް އަންހެނުން ތަމްސީލުކުރާ އަދަދު ދަށްވުމަކީ ބޮޑު މައްސަލައެއް ކަމަށެެވެ. އެކަމާ ގުޅިގެން ރާއްޖެ އިން ދެމިއޮންނާނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމާ އެކު، އެންމެންނަށް ވެސް މަޖިލީހުގައި ބައިވެރިވެވޭނެ މާހައުލެއް ހޯދައިދިނުމުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މަޖިލީހުގައި އަންހެނުން ތަމްސީލު ނުކުރެވުމަކީ ދުނިޔެ އާއި ގައުމީ ފެންވަރުގައި ބޮޑު މައްސަލައެއް. އެކަމާ ގުޅިގެން ރާއްޖެއިން ބާރު އަޅާނީ މިންތީގެ ހަމަހަމަ މާހާއުލެއް ގާއިމުކުރުމާއި ހުރިހާ އެންމެނަށް ވެސް ބައިވެރިވޭނެ މާހައުލެއް މަޖިލީހުގެ ތެރެއިން ގާއިމުކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ހަރުދަނާ އުސޫލުތައް ހިފަހައްޓައި ނަޒާހާތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރާ ތަނަކަށް ރައްޔިތުން މަޖިލިސް ހަދާކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ އަންހެން ތިން މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުން ވަކި ޕަސެންޓެއް އަންހެނުންނަށް ދިނުމަށް އަދި ގާނޫނުގައި ކަނޑައަޅާފައި ނެތަސް މިހާރު ވެސް ރަށު ކައުންސިލުތަކުގެ ދެ ގޮނޑި އަންހެނުންނަށް ވަނީ ހާއްސަކޮށްފަ އެވެ.