30 ޖޫން 2025 - 13:55

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ދާއިރާއަކުން ގުޅުން ބަދަހިކުރަން އެމްއޯޔޫތަކެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ރަސްމިއްޔާތެއްގައި ދެ ގައުމުން މިއަދު ސޮއިކުރީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގަ އެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ކެޕޭސިޓީ އިތުރު ކުރުމުގެ ދާއިރާއިން އެމްއޯޔޫގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝަނަން އެވެ.
ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ސޮއި ކުރެއްވިއިރު، ސިންގަޕޫރު ސަރުކާރުން ސޮއި ކުރެއްވީ އެ ގައުމުގެ މިނިސްޓަރު އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔްރަމަންޓް ގްރޭސް ފޫ އެވެ.
މަތީ ތައުލީމާއި ތައުލީމީ ސިޔާސަތު އަދި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ހައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ސޮއި ކުރެއްވިއިރު، ސިންގަޕޫރުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ އައިޓީއީ އެޑިއުކޭޝަން ސާވިސްގެ ޗީފް އެގްޒެކެޓިވް ގޮ މޮންގް ސޮންގެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ ގައުމުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފަ އެވެ.