30 ޖޫން 2025 - 10:16

ބީޗް ވޮލީބޯޅަ ރެފްރީ އިސްމާއީލް އަބްދުﷲ (އިންމަ) އޭވީސީގެ ރެފްރީއެއްގެ ދަރަޖަ މިދިޔަ ހަފުތާގައި ހާސިލު ކުރީ ދިގު އިންތިޒާރަކަށް ފަހު އެވެ. ކެންޑިޑޭޓެއްގެ ދަރަޖައިން ރެފްރީއެއް ދަރަޖަ އަށް އޭނާ ވާސިލުވީ އޭވީސީން ކަނޑައަޅާފައިވާ އަދަދަށް އިންޓަނޭޝަނަލް މެޗު ހަމަ ކޮށްގެންނެވެ. ހަތް އަހަރުގެ ދިގު ދަތުރުގައި ހާސިލު ކުރި ޝަރަފަކީ އޭނާ ބުނި ގޮތުގައި ފަސޭހަ ދަތުރެއް ނޫނެވެ.

ބީޗް ވޮލީގެ ހަބަކަށް ރާއްޖެ އަށް ވެވިދާނެ ކަމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ އާއި އޭވީސީގެ އެކި ފެންވަރުގެ އޮފިޝަލުން އެކި ފަހަރުމަތިން ފާހަގަ ކުރަމުން ދިޔަޔަސް އެ ގޭމްގެ ޓެކްނިކަލް ދާއިރާގެ ތަޖުރިބާ ރާއްޖޭގައި ނިސްބަތުން މަދެވެ. އިންޑޯ ވޮލީ ރެފްރީން ރާއްޖޭގައި ނިސްބަތުން ގިނަ އެވެ.

އިންމައަކީ އޭވީސީގެ ބީޗް ވޮލީ ރެފްރީކަމުގެ ދަރަޖަ ހާސިލު ކުރި ރާއްޖޭގެ ދެ ވަނަ ރެފްރީ އެވެ. އޭނާ ވެސް ފުރަތަމަ ހެދީ އިންޑޯ ރެފްރީކަމުގެ ކޯހެވެ. އިންޑޯގައި ރެފްރީކަން ވެސް ކުރި އެވެ. ގިނަ ފުރުސަތުތަކެއް ވެސް ފަހިވި އެވެ. އެކަމަކު 2018 ގައި އޭނާ ބީޗް ވޮލީ ރެފްރީ ކޯސް ފުރިހަމަކޮށް ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތް ފެށި އެވެ.

"ކުރިން އިންޑޯ ވޮލީގައި ވެސް ރެފްރީކަން ކުރިން އެކަމަކު ބީޗަށް ހާއްސަވި ފަހުން މުޅިން ބީޗް ވޮލީގައި،" އިންމަ ބުންޏެވެ.

ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ގިނައިން ފުރުސަތު ލިބެނީ ވެސް އިންޑޯ ރެފްރީންނަށެވެ. އެފަދަ ފުރުސަތުތަކުގެ ބޭނުން އިންމަ އަށް ވެސް ހިފުނީހެވެ.
"ޕެޝަންއެއްގައި ކަމެއް ކުރަންޏާ އެ ފޯކަސް ކުރާ ކަމެއްގައި ދެމިހުންނަން ޖެހޭނެ ކިތަންމެ ގިނަ ދުވަހެއް ވިޔަސް،" އޭވީސީގެ ޖޫނިއާ ހަތަރު މުބާރާތެއްގައި ރެފްރީކަން ކުރި އިންމަ ބުންޏެވެ.
"ތި ބުނިހެން ހަތް އަހަރަކީ ވަރަށް ދިގު މުއްދަތެއް. އެކަމަކު އަހަންނަށް މިހާހިސާބަށް ދެވުނީ ވަރަށް ސަޕޯޓިވް ބައެއް ފަހަތުގައި ތިބެގެން."
އިންމަ ފާހަގަ ކުރީ އޭނާގެ މަންމަ އާއި އަންހެނުން ދައްތަ (ރުޝްމާ) އާއި ބޮޑުބޭބެ، ތަޖުރިބާކާރު ކޯޗު އިބްރާހިމް ޖަލީލް (ޖައްލަ) އަދި ދޮން ބައްޕަ ދިން ސަޕޯޓެވެ. ވީއޭއެމްގެ މިހާރުގެ ރައީސް މުހައްމަދު ލަތީފާއި އެ އެސޯސިއޭޝަނުގެ ކުރިގެ ރައީސް އަދި ސްޕޯޓްސް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރިޔާޒުގެ ނަން ވެސް އޭނާގެ ޝުކުރުގެ ލިސްޓްގައި ހިމެނި އެވެ.
އެ ލިސްޓްގައި ހިމަނަންޖެހޭ ރާއްޖޭގެ ބީޗް ވޮލީގައި ވަރަށް މުހިންމު ނަމެއް އޭނާގެ ހަނދާނުން ކައްސާލީކީ ނޫނެވެ. ރާއްޖޭގެ ބީޗް ވޮލީބޯޅަ އިންޓަނޭޝަނަލް ރެފްރީ ތަޖުރިބާކާރު ހުސައިން މުހައްމަދު ނަން އޭނާ ހާއްސަގޮތެއްގައި ފާހަގަ ކުރީ އެވެ.
"ހުސައިން ވަރަށް ހިތްވަރު ދީ ކިޔައިދީ މެންޓޯއެއް ގޮތަށް މަގުދައްކައިދިން ބައްޕައެއްކަހަލަ ފިގާއެއް އެއީ،" މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން އަދި ފިރިހެން ފައިނަލުގައި ވެސް ރެފްރީކަން ކުރި އިންމަ ބުންޏެވެ
ނޭޕާލްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ދެ ފައިނަލުގައި ސެކަންޑް ރެފްރީކަން ކުރި އިންމަ ބުނީ ބީޗް ވޮލީ އަށް ހުސްވެ އެ ހަރުގަނޑުގައި އޭނާ އަށް ހުރެވުނީ ހުސައިން ދިން ސަޕޯޓުގެ ސަބަބުން ކަމަށެވެ.
އެފްއައިވީބީގެ ކުރީގެ ރައީސް އަރީ ގްރާސާ ރާއްޖެ އަށް ވަޑައިގަތުމުން އޭނާގެ ޝަރަފުގައި ކުޅުނު އެގްޒިބިޝަން މެޗުގައި ވެސް ރެފްރީކަން ކުރުމުގެ ޝަރަފު ލިބުނު އިންމަ ބުނީ ދެން އޭނާގެ ކުރިމަތީގައި އޮތީ އެންމެ އުނދަގޫ ޓާގެޓް ކަމަށެވެ. އެއީ އެފްއައިވީބީ ބީޗް ވޮލީ ރެފްރީކަމުގެ ބެޖް ހާސިލުކުރުމަކީ އޭނާގެ ދެން އޮތް އުއްމީދު ކަމަށް އިންމާ ބުންޏެވެ.
ރާއްޖޭގައި އެ ބެޖް ހާސިލުކޮށްގެން ހުރި ހަމައެކަނި ރެފްރީއަކީ ހުސައިންނެވެ.
އިންމަ ހޯދި ކުރިއެރުމާ އެކު ހުސައިން ބުނީ އޭނާގެ ކާމިޔާބަކީ ރާއްޖޭގެ ވޮލީ ފެމެލީ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ.
"މިއީ ހަމަ އިންމަގެ އަމިއްލަ މަސައްކަތް. ހަގީގަތުގައި އޭނަ އަހަރެންގެ ނަން ފާހަގަ ކުރިޔަސް މީގެ އެއްވެސް ކްރެޑިޓެއް އަހަންނަކަށް ހައްގެއް ނޫން. މިއީ އިންމަ ކެތްތެރިކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ،" ހުސައިން ވިދާޅުވި އެވެ.
"އަހަންނަށް ލިބުނު ހިތްހަމަޖެހުމަކީ ބީޗް ވޮލީ ރެފްރީއަކު އެހިސާބަށް ދިއުން. އުއްމީދަކީ ކައިރި މުސްތަގުބަލެއްގައި އެފްއައިވީބީގެ ހަރުފަތާ ހަމައަށް އިންމަ ދިއުން. ބީޗް ވޮލީގެ އެހެން ރެފްރީންނަށް ވެސް ކުރިއެރުން ލިބިގެން ދިއުން."