29 ޖޫން 2025 - 16:14

ހުޅުމާލޭގައި އުޅަނދުތަކެއް ޖެހި، އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ރީތި ގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި މ. މަޑުއްވަރި، ކޮކްނެޓްވިލާ، އާދަމް ޖަނާން މުހައްމަދު، 26، މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ އެވެ. ޖަނާހުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ހަތް ދުވަސް ދީފަ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަނެއް ސައިކަލު ދުއްވަން އިން އުމުރުން 38 އަހަރުގެ ފިރިހެން މީހާއަށެވެ.
އެ މީހާގެ ފައިގެ ތިން ތަނަކުން ބިންދައިގެން ދިއުމުން ޓްރީޓޮޕް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނިގޮތުގައި، އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުންނެވެ.
ހުޅުމާލޭގައި މި ފަހުން ހިނގި އެހެން އެކްސިޑެންޓެއްގައި ވެސް، ސައިކަލުން ޖައްސައި މަޑުނުކޮށް ދިޔަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ފަހަރު އަނިޔާވީ ކަފިހިހުރަސްމަތިން މަގު ހުރަސްކުރަނިކޮށެވެ.