29 ޖޫން 2025 - 16:10

މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ޑްރެޖަރު "މަހާ ޖައްރާފު" ގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާނެ މީހަކު ހޯދަން އެމްޓީސީސީން މިއަދު އިއުލާނުކޮށްފި އެވެ.
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ކައްކާއެއް ހޯދަނީ އެއް މަސް ދުވަހަށެވެ. އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކާ އެކު 30،960ރ. ލިބެ އެވެ. މެޑިކަލް އިންޝުއަރެެންސާއި ޕެންޝަން ސްކީމުގައި ވެސް ހިމެނެ އެވެ.
އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ، އެއް މަސް ދުވަހުގެ މުއްދަތަށް ކައްކާއަކު ހޯދަނީ މިހާރު އެ މަގާމުގައި ހުރި މުވައްޒަފު ޗުއްޓީއަށް ދާތީ ކަމަށެވެ. މަހާ ޖައްރާފަކީ ބައިނަލްއަގްވާމީ ފެންވަރުގެ އަދި އެންމެ މަތީ "ސްޓޭންޑަޑް" ގެ އުޅަނދަކަށް ވާތީ ކައްކާއަކަށް ވެސް މީހުން ނަގީ އެ މިންގަނޑުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ބުނިގޮތުގައި ހަފުތާއަކު 6 ދުވަހު ޑިއުޓީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރެވޭނެ ކައްކާއަކު ހޯދާއިރު، އެއީ މަދުވެގެން ދެ އަހަރު އެފަދަ މަސައްކަތެއް ކޮށްފައިވާ މީހަކަށް ވާން ޖެހޭ ކަމަށެވެ. އަދި އަންލިމިޓެޑް ޓަނޭޖްގެ އުޅަނދެއްގައި ކައްކާ މަގާމު އަދާކުރުމަށް ބެނުންވާ ސެޓްފިކެޓްތައް، އެސްޓީސީޑަބްލިޔު މެނީލާ 2010ގެ މިންގަނޑު ފުރިހަމަކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.
އެ މަގާމަށް ޝައުގުވެރިވާ މީހުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ޖުލައި 1 އަންގާރަ ދުވަހުގެ ދަންވަރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ. މަގާމަށް ޝޯޓްލިސްޓް ކުރެވޭ މީހުންގެ އިންޓަވިއު ބާއްވަން ނިންމާފައި ވަނީ ޖުލައި 2-10 އާ ދެމެދު ކަމަށް އެމްޓީސީސީން ބުންޏެވެ.
ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަަލައި ވަޒީފާ ނުދިނުމުގެ އިހްތިޔާރު ކުންފުންޏަށް އޮންނާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.