29 ޖޫން 2025 - 13:35

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށް ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ޓީވީ އިންޓަވިއުއެއްގައި ބުނެފި އެވެ.
އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރި ލީޑަރު ކަމަށްވާ ނަތަންޔާހޫއާ ދެކޮޅަށް ބެނެޓް ވާހަކަ ދެއްކި ނަމަވެސް އޭނާ އަލުން މަގާމަށް ވާދަކުރާނެ ނުވަތަ ނޫންތޯ ނުބުންޏެވެ.
"އޭނާ ވެރިކަމުގައި 20 އަހަރު ވެއްޖެ ... އެއީ ވަރަށް ގިނަ ދުވަސް. އެއީ ބޮޑުވަރު. އެއީ ރަނގަޅު ގޮތެއް ނޫން،" އިޒްރޭލުގެ ޗެނަލް 12 އަށް ދެއްވި އިންޓަވިއުއެއްގައި ބެނެޓް ބުންޏެވެ.
"އިޒްރޭލުގައި މިއަދު އުފެދިފައިވާ ބޮޑެތި ބައިބައިވުންތަކުގެ ޒިންމާ ނަގަންޖެހޭނީ އޭނާ."
އޭނާ ވަނީ އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއި އެކަމުގައި ގެންގުޅޭ ސިޔާސަތުތަކަށް ވެސް ފާޑުކިޔައިފަ އެވެ.
ބެނެޓް، ނަތަންޔާހޫއާ ދެކޮޅު ފަރާތްތަކާ 2021 ވަނަ އަހަރު ގުޅިގެން، 12 އަހަރަށް ފަހު ނަތަންޔާހޫގެ ވެރިކަން ވައްޓާލި އެވެ . އެކަމަކު ބަލިކަށިކޮށް އޮތް، އިދިކޮޅު ލީޑަރު ޔައިރް ލަޕިޑްގެ އެ ކޯލިޝަން ހިފެހެއްޓުނީ އެއް އަހަރަށެވެ. އެހެންވެ އަލުން އަނެއްކާ ނަތަންޔާހޫ ވެރިކަމަށް އައީ އެވެ.
އޭގެ ފަހުން ބެނެޓް ސިޔާސީ ކަންކަމާ ދުރުގައި ހުރުމަށް ފަހު މިހާރު އަޑު ފެތުރިފައިވަނީ އަލުން އެނބުރި ސިޔާސީ މައިދާނަށް ނުކުންނަން އުޅޭ ކަމަށެވެ. އާންމުންގެ ހިޔާލު ހޯދުންތަކުން ވެސް ދައްކާ ގޮތުގައި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނެވޭހާ ތާއީދު ބެނެޓް އަށް އެބަ އޮތެވެ.
މިހާރު އޮތް ގޮތުން އިޒްރޭލުގައި އިންތިހާބެއް އޮންނާނީ 2026 ވަނަ އަހަރު އެވެ. އެކަމަކު އިޒްރޭލަކީ ކޯލިޝަންގެ މައްސަލަތަކާ ހެދި ކުއްލި އިންތިހާބުތައް އާންމު ތަނެކެވެ.
ނަތަންޔާހޫއާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް ބެނެޓް ވަނީ އީރާނަށް ބޮން އެޅުމަކީ ވަރަށް ރަނގަޅަށް ކުރި ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ބެނެޓް ބުނީ އެއީ އޭނާގެ ކުރު މުއްދަތުގެ ސަރުކާރުގައި "ބިންގާ އެޅުނު" ހަމަލާތަކެއް ކަމަށާއި އެހެން ނޫން ނަމަ އެ ހަމަލާތައް އެހެން ނުދެވޭނެ ކަމަށެވެ. -- އޭއެފްޕީ