29 ޖޫން 2025 - 13:27

މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހަކު އެ ތަކެތި މާލޭ މާރުކޭޓު ސަރަހައްދުގައި ވިއްކަން ހުއްޓައި އަތުލައިގަނެފި އެވެ.

ފުލުހުން މިއަދު ބުނީ އޯކިޑް ބިލްޑިންގައި ހުންނަ އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ރިޕޯޓް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އޭނާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ދިލްބަހާރުގެ، އަހްމަދު ނިއުޝަމް، 36 އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އެ އެއްޗެހި ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށެވެ.
އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އިންޖީނު ސްޕެއާޕާޓްސް އާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.