28 ޖޫން 2025 - 23:04

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިއަދުވެސް 37 މީހަކު ޝަހީދުކޮށްލި ކަމަށާއި އޭގެ ތެރޭގައި، މަދުވެގެން ނުވަ ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
އިޒްރޭލުން ހިސާރުކޮށްފައި ބާއްވައިގެން ހަމަލާދެމުން ގެންދާ ޣައްޒާގައި މިހާރު ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ޝަހީދުކުރަމުން ދާއިރު އިއްޔެ ވެސް 62 މީހަކު ޝަހީދުކޮށްލި އެވެ. އޭގެ ކުރީ ދުވަހު ވެސް 50 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ އިޒްރޭލުން ޑްރޯނުންނާއި ވައިގެ މަގުން ދިން ހަތް ހަމަލާއެއްގައި 35 މީހަކު ޝަހީދުވި ކަމަށެވެ. އަނެއް ދެ މީހުންނަކީ އެހީގެ މަރުކަޒުތަކުގެ ކައިރީގައި ބަޑިން ހަމަލާ ދިނުމުގެ ސަބަބުން ޝަހީދުވި މީހުން ކަމަށް ބައްސާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަހީދުވި ކުޑަކުދިންގެ ތެރެއިން ތިން ކުއްޖަކީ ޖަބަލިޔާގައި ހުންނަ ގެޔަކަށް ދިން ހަމަލާއެއްގެ ސަބަބުން ޝަހީދުވި ކުދިން ކަމަށެވެ. އަދި ޣައްޒާގެ އިރުއުތުރު ސަރަހައްދެއްގައި އޮންނަ އަވަށަކަށް ދިން ހަމަލާތަކެއްގައި ވެސް މަދުވެގެން ހަ ކުއްޖަކު ޝަހީދުވި ކަމަށް ވިދާޅުވި އެވެ.
އޭއެފްޕީން ބުނީ މި ހަމަލާތަކާ ބެހޭ ގޮތުން ސުވާލުކުރުމުން އިޒްރޭލުގެ އަސްކަރިއްޔާއިން ވަކި ޖަވާބެއް ނުދޭ ކަމަށެވެ.
އިޒްރޭލުން އީރާނަށް 12 ދުވަސް ވަންދެން ދިން ހަމަލާތަކަށް ފަހު ޣައްޒާއަށް އަލުން ހަނގުރާމަ ހާއްސަކޮށްފައިވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެންނަން މަސައްކަތްކުރާ ގަތަރުން ވަނީ އީރާނާއި އިޒްރޭލުގެ ކުރިމަތިލުން ނިމުމަކަށް ގެނެވުމާ އެކު މިއީ ޣައްޒާގެ ހަމަލާތައް ވެސް ހުއްޓުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ ޣައްޒާގެ ހަމަލާތައް މި ފެށޭ ހަފްތާގައި ހުއްޓުމަކަށް ގެނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ 56،412 މީހަކު ޝަހީދުވެފަ އެވެ.