މަދުން ނޫނީ ނުފެންނަ ބައްޔެއްގައި އުޅެމުން ދިޔަ ޒަޔާން ނިޔާވެއްޖެ
މަދުން ނޫނީ ނުފެންނަ ބައްޔެއްގައި އުޅެމުން ދިޔަ ޒަޔާން ނިޔާވެއްޖެ

ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މަސްކިއުލާ ޑިސްޓްރޮފީގައި އުޅެމުން ދިޔަ ޒަޔާން އިސްމާއިލް ޝަރީފް މިއަދު ނިޔާވެއްޖެ އެވެ.

މަދުން ނޫނީ ނުފެންނަ ބައްޔެއްގައި އުޅެމުން ދިޔަ ޒަޔާން ނިޔާވެއްޖެ
މަދުން ނޫނީ ނުފެންނަ ބައްޔެއްގައި އުޅެމުން ދިޔަ ޒަޔާން ނިޔާވެއްޖެ

ތ. ތިމަރަފުއްޓަށް އުފަން 19 އަހަރުގެ ޒުވާނާގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ އިޝާ ނަމާދަށްފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ޒަޔާން ނިޔާވީ ރޯގާ ޖެހި، ކުއްލިއަކަށް ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

"މިހާރު"ގެ ޓީމުން މިދިޔަ އަހަރު ތ. އަތޮޅަށް ކުރި ދަތުރުގައި ޒަޔާންގެ އާއިލާއާ ބައްދަލުކޮށް އޭނާގެ ހާލަތާ ގުޅޭ ރިޕޯޓެއް ގެނެސްދީފައިވެ އެވެ.

އޭރު އޭނާގެ މަންމަ، ޒަމީނާ ހަސަން ބުނެފައިވަނީ އުމުރުން ނުވަ އަހަރު ވުމާ ހަމައަށް ޒަޔާނަށް ކޮންމެ ވެސް ވަރަކަށް ހިނގުނު ކަމަށެވެ. އެކަމަކު، އުމުރުން ދުވަސްވާ ވަރަކަށް ގައިން ދިޔައީ ވަރު ދޫވަމުންނެވެ. އެހެންވެ، އޭނާގެ ހިދުމަތުގައި އަބަދުވެސް ކޮންމެ ވެސް މީހަކު ހުންނަން ޖެހެ އެވެ.

ޒަމީނާ އޭރު ބުނީ އެ ބައްޔާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދިއިރު އެއީ، ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެއްކަން އެނގުނު ކަމަށެވެ. ވާރުތަވާ އެ ބަލި ބޮޑަށް ޖެހެނީ ބައްޕަގެ ފަރާތުންނެވެ.

ފުރޮޅުލީ ގޮނޑީގައި އިންނަން ޖެހުނަސް ޒަޔާން ވަނީ ރަށު ސްކޫލުން ގްރޭޑު 10 ނިންމައިފަ އެވެ.

ނުހިނގޭ ކުއްޖަކަށް ވުމުން، ޒަޔާން ކުޑައިރު، އޭނާގެ ހާލަތާ ގުޅޭގޮތުން އަމިއްލައަށް ވަރަށް ސުވާލުކޮށް އުޅުނެވެ. އެކަންކަމަށް، ޒަމީނާގެ ދެ ކުދިންގެ ތެރެއިން ދޮއްޓަށް ހުރި ދަރިފުޅަށް ވިސްނައިދިނީ ދީނީ ނަޒަރަކުންނެވެ.

""ދިރިއުޅުމަކީ ތަކްލީފުތައް އަންނާނެ ކަމެއް. އަޅުގަނޑު ޒަޔާނަށް ކިޔައިދިނީ، ޒަޔާނަށް އެހެން ދިމާވީ ބައިވަރު ސަބަބުތައް ހުންނާނެއޭ. މިސާލަކަށް، މިއޮތް ފަދަ ޒަމާނުގައި ގޯސް ތަންތަނަށް ނުދެވުމަކީ ވެސް [ކަމެކޭ] ފީލްކޮށްދޭންޖެހޭނެ ދޯ،" ތިމަރަފުށީ ސްކޫލުގައި ޓީޗަރަކަށް އުޅޭ ޒަމީނާ ބުންޏެވެ.

"ބައިވަރު ކަންކަމުން ދުރުވުމުން އެއިން ސަވާބާއި ހެޔޮ ދަރުމަ ލިބޭނެ ގޮތްތައް މެދުވެރިކުރެއްވީ ކަމަށް ވެސް ވެދާނެ. ޒަޔާން އެކަމަށް ވިސްނާފައި ވެސް ގުރުއާނަށް ސަމާލުކަން ދޭށޭ. ކުރިން އުޅޭނީ އަބަދު ފިލްމު ބަލަން، އެކަމަކު ދީނީ ނަޒަރަކުން ވިސްނައިދިނީމަ އެ ކަންތައްތައް ދޫކޮށްލައިފި."