އެމެރިކާގެ ޖަމާއަތުން ޣައްޒާއަށް ބަހާ ފުށުގެ ތެރެއިން ނުރައްކާ ބޭހެއް
އެމެރިކާގެ ޖަމާއަތުން ޣައްޒާއަށް ބަހާ ފުށުގެ ތެރެއިން ނުރައްކާ ބޭހެއް

ހައިހޫނު ކަމުގައި އޮތް ޣައްޒާއަށް އެމެރިކާ އާއި އިޒްރޭލުން ބަހަމުންދާ ގޮދަންފުށުގެ ތެރެއިން ބާރުގަދަ، ނުރައްކާތެރި ބޭހެއް ފެނިއްޖެ އެވެ.

ފުށް ބަސްތާތަކެއްގެ ތެރެއިން ފެނިފައިވަނީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް، އެ ވޭން ލުއިވާނެ އެހެން ގޮތެއް ނެތް ހާލަތުގައި ދޭ ތަދުކަނޑުވާ ބޭހެއް ކަމަށްވާ އޮކްސީކޯޑޯން ބޭހުގެ ގުޅަތަކެކެވެ. މިއީ ވަރަށް ފަސޭހައިން އެޔަށް ދެވިހިފާ އަދި ހެލުސިނޭޓް ވުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތަކާ އެކު ފުރާނައަށް ވެސް ނުރައްވާ ފަދަ ބޭހެކެވެ.

"ފުށުގެ ތެރެއިން މީގެ ބޭސް ފެނުނު ހަތަރު މީހަކު އެކަމުގެ މައުލޫމާތު މިހާތަނަށް ދީފައިވޭ،" ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މީގެ ބޭސް ގަސްތުގައި ފުށާ އެއްކޮށްފައި ހުރުން ވެސް އެކަށީގެންވާ ކަމަށެވެ.

މީޑިއާ އޮފީހުން ބަޔާން ނެރުނީ ފުށުގެ ތެރެއިން ބޭސްގުޅަތަކެއް ފެންނާތީ އާންމުން އެކަން ސަމާލުކަމަށް ގެނެސް ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ފަލަސްތީނުގެ ފާމަސިސްޓެއް ކަމަށްވާ އުމަރު ހަމަދު ބުނީ އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމާގައި މިއީ އެންމެ ހީލަތްތެރި އެއް އަމަލު ކަމަށެވެ.

ޣައްޒާގައި މަސައްކަތްކުރާ ފަލަސްތީނުގެ ޑޮކްޓަރެއް ކަމަށްވާ ޚަލީލް މަޒޭން އަބޫ ނަދާ މި ބޭހާ ބެހޭ ގޮތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ "އަހަރެމެންގެ އިޖުތިމާއީ ހޭލުންތެރިކަން ނައްތާލުމުގެ ވަސީލަތެއް" ކަމަށެވެ.

މީޑިއާ އޮފީހުން ބުނީ މިއީ ޣައްޒާގައި މަސްތުގެ ވަބާ އާންމުންކޮށް އިޖުތިމާއީ ފޭރާން ހަލާކު ކުރުމަށް ސީދާ އިޒްރޭލުން ހިންގާ ނުބައި ޖަރީމާއެއް ކަމަށެވެ.

އެހީ ބެހުމުގެ މަސައްކަތް މިހާރު ކުރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަކީ ޣައްޒާގައި އދ. އިން ހިންގި އެހީގެ މަސައްކަތް ހުއްޓުވައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން ދެ މަސް ދުވަސް ވަންދެން ހުއްޓުވައިގެން ތިބުމަށް ފަހު އިޒްރޭލާއި އެމެރިކާއިން އެ މަސައްކަތް ހަވާލުކުރި އެމެރިކާގެ ޖަމާއަތެވެ.

މި ޖަމާއަތުން އެހީ ބެހުމުގެ އިންތިޒާމުތައް ގެންގުޅޭ ގޮތުން ކޮންމެ ދުވަހަކު ވެސް ހަމަނުޖެހުންތައް އުފެދި އެތައް ބައެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ. އެހެންވެ އެހީގެ މަސައްކަތް މިހާރު ވެފައި ވަނީ މަރުގެ ދަންތުރައަކަށް ކަމަށް ބުނެ އދ. އިން ވެސް ގެންދަނީ އެ މަސައްކަތަށް ފާޑުކިޔައި ކުށްވެރިކުރަމުންނެވެ.