28 ޖޫން 2025 - 13:04

ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެ ރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ސްކޫލު ޕްރިންސިޕަލާއި ޓީޗަރަކާއި ދެ ކުއްޖަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން، ސީރިއަސް ޒަހަމްތައް ވި ތިން މީހަކު އިއްޔެ ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތިން މީހަކަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެއީ އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިންނާއި 49 އަހަރުގެ ފިރިހެނެކެވެ.
ސްކޫލްގެ ޕްރިންސިޕަލާއި އިސްލާމް ޓީޗަރެއްގެ ގައިގައި ޖެހުނީ މި އަހަރު އޯ ލެވެލް ނިންމި ދަރިވަރަކާއި ގްރޭޑު 9 ގައި ކިޔަވަމުން އަންނަ ދަރިވަރަކު ދުއްވި ސައިކަލެކެވެ.
އެއާއެކު، ސީރިއަސްވެގެން މާލެ ގެނެސްފައިވަނީ ޓީޗަރެވެ. ޕްރިންސިޕަލަށް އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
"ޓީޗަރުގެ ގައިގައި ސައިކަލުން ޖެހި ވަރަށް ދުރަށް ވިއްސައިގެން ދިޔައީ،" ފައިނުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޓީޗަރުގެ ބޮލުގެ ފުއްކިބަ ފަޅައިގެން، މޭ މަށިގަނޑަށް ވެސް އަނިޔާވެފައިވާ ކަމަށް ވެ އެވެ. އެ ދެ ކުދިންނަށް ވެސް ސީރިއަސް ޒަހަމްތައް ވަނީ ވެފަ އެވެ.