އެންމެ އަގުބޮޑު ގޯލްކީޕަރު އެންމެ ފަސް މިލިއަނަށް އާސެނަލް އަށް
އެންމެ އަގުބޮޑު ގޯލްކީޕަރު އެންމެ ފަސް މިލިއަނަށް އާސެނަލް އަށް

ލަންޑަން (ޖުލައި 1) - އާސެނަލްގެ ކޯޗު މިކެލް އާޓެޓާގެ ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށް އެ ޓީމާ އަލަށް ގުޅުނު ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ބުނެފި އެވެ.

ފާއިތުވި ސީޒަންގައި ޗެލްސީގެ ލޯނު އެއްބަސްވުމެއްގައި ބޯންމަތަށް ކުޅުނު ކެޕާ، 30، އާސެނަލްއާ ގުޅުނީ ފަސް މިލިއަން ޕައުންޑް (6.9 މިލިއަން ޑޮލަރު) ގެ ޑީލެއްގަ އެވެ.

ކެޕާ 2018 ގައި ޗެލްސީއަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި، 71 މިލިއަން ޕައުންޑް (93 މިލިއަން ޑޮލަރު) އަށެވެ. އެތުލެޓިކް ބިލްބާއޯ އިން ކެޕާ ދޫކުރަން އެއްބަސްވީ އޭނާގެ މި ރިލީޒް ފީ އެއްކޮށް ދެއްކުމުންނެވެ.

ޗެލްސީ އެ ސީޒަންގައި ރެކޯޑް އަގަކަށް ކީޕަރެއް ހޯދީ ތިބައު ކޯޓުއާ ޗެލްސީން ބަދަލުވާން ނިންމުމުންނެވެ. ކެޕާގެ ކުރިން ޗެލްސީން ބްރެޒިލްގެ އެލިސަން ބެކާ ގެންދަން މަސައްކަތް ކުރި ނަމަވެސް އޭނާ ގުޅުނީ ލިވަޕޫލާ އެވެ.

ޗެލްސީއާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ސުޕަ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކުރި ކެޕާ، ފާއިތުވި ދެ ސީޒަން ހޭދަކުރީ ލޯނުގަަ އެވެ. ބޯންމަތަށް ކުޅުމުގެ ކުރިން އޭނާ ކުޅުނީ ރެއާލް މެޑްރިޑްގަ އެވެ.

ޗެލްސީގައި ކެޕާ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާއަށް މައްސަލަ ދިމާވީ، 2019 ވަނަ އަހަރުގެ ކަރަބާއޯ ކަޕް ފައިނަލްގައި އޭނާ ބަދަލުކުރަން އޭރު ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ނިންމުމުން އޭނާ ދެކޮޅު ހެދުމުންނެވެ. ޖެހިގެން އައި ސީޒަންގައި ޗެލްސީން ވަނީ އެޕާގެ ބަދަލުގައި އެއް ނަމްބަރު ކީޕަރަކަށް އެޑުއާޑް މެންޑީ ގެނެސްފަ އެވެ.

އާސެނަލް އިން ކެޕާ ގެނައީ، ލޯން އެއްބަސްވުން ހަމަވެގެން މިދިޔަ ސީޒަންގައި އެ ޓީމުގައި ހޭދަކުރި ބްރެޒިލްގެ ނެޓޯ އެނބުރި ބޯންމަތަށް ދިޔުމުންނެވެ. އާސެނަލްގެ އެއް ވަނަ ކީޕަރު ޑޭވިޑް ރާޔާއަކީ ވެސް ސްޕެއިންގެ ކުޅުންތެރިއެކެވެ.