ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި
ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.

މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް މި މަހު 9 ވަނަ ދުވަހު ވަޑައިގެންތަކާ އެ ގައުމުގެ އެއާޕޯޓުގައި އަވަހާރަވި ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަނީ ދަރުސް ދެއްވުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ފަރީދު ކުރެއްވި ހިދުމަތް ޖަމިއްޔާއިންނެވެ.

އާންމުންގެ އެހީއާ އެކު ބިނާކުރާ މިސްކިތުގެ ބިންގާ އަޅާ ވީޑިއޯއެއް އެ ޖަމިއްޔާއިން ވަނީ އާންމުކޮށްފަ އެވެ. ބިންގާ އަޅައިދިނީ ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ އަބްދުﷲ ފަރީދު އަދި މުހައްމަދު ފަރީދު އެވެ.

ހިދުމަތް ޖަމިއްޔާއިން ބުނީ މިއީ 455 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. ބޮޑުމިނުގައި 250 އަކަ މީޓަރު ހުންނަ އެ މިސްކިތައް ހަރަދުވާނެ ކަމަށް އެ ޖަމިއްޔާއިން ލަފާކޮށްފައިވަނީ 760،000ރ. އެވެ. އެ ފައިސާ ހޯދަން ޖަމިއްޔާއިން އިއުލާނުކުރިތާ އެއް ދުވަސް ނުވެ އެ އަދަދު ވަނީ ހަމަވެފަ އެވެ.

އިތުރަށް މީހުން ފައިސާ ޖަމާކުރާތީ ހިދުމަތް ޖަމިއްޔާއިން ވަނީ ރާއްޖޭގައި ވެސް މިސްކިތެއް އަޅަން ނިންމައިފަ އެވެ.

ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ބަންދުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ.

ޝެއިހް ފަރީދު މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގަތެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާ ކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވެ ވަޑައިގަތެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.