"ހަމަމަގު" އޮޕަރޭޝަންގައި އައްޑޫން 83 ބިދޭސީއަކު އަތުލައިގެންފި
"ހަމަމަގު" އޮޕަރޭޝަންގައި އައްޑޫން 83 ބިދޭސީއަކު އަތުލައިގެންފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން މި އަހަރު ކުރިއަށް ގެންދާ އެންމެ ބޮޑު ރެއިޑް އޮޕަރޭޝަނުގައި އައްޑޫން 83 ބިދޭސީއަކު އަތުލައިގެންފި އެވެ.

"ހަމަ މަގު" ނަމުގައި މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ކޮންޓްރޯލަރު އަހްމަދު ފަސީހު އާއި ޑެޕިއުޓީ ކޮންޓްރޯލަރު އަހްމަދު އަޝްފާން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ ރެއިޑުގައި އިމިގްރޭޝަންގެ 35 އޮފިސަރުންނާއި އައްޑޫ ފުލުހުންނާއި ކައުންސިލުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްފަ އެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ގެންދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ އެއްކޮށްފަ އެވެ. ސަރުކާރުން ބުނި ގޮތުގައި، ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން އަންނަ މަހުގެ ފަހުން ރާއްޖެއިން ޑީޕޯޓްކުުރުމުގެ މަސައްކަތް ފަށާނެ އެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން އެއްކޮށް ހައްލުކުރުމެވެ.