27 ޖޫން 2025 - 21:39

ޗައިނާގެ މިލިޓަރީ ޔުނިވަސިޓީއަކުން، ސަވައިލެންސަށް ބޭނުންކުރުމަށް ހާއްސަކޮށް، މަދިރިއަކާ އެއްވަރުގެ ޑްރޯންއެއް އީޖާދުކޮށްފި އެވެ.
"މި ބާވަތުގެ މައިކްރޯ ރޮބޮޓަކީ ހާއްސަކޮށް ހަނގުރާމައިގެ މައިދާނުގައި އިންފޮމޭޝަން ރިކޮނިސެންސް ފަދަ ހާއްސަ މިޝަންތަކަށް އެންމެ އެކަށޭނެ އެއްޗެހި،" ޗައިނާ ސެންޓްރަލް ޓެލެވިޒަންގެ ރިޕޯޓެއްގައި ނޭޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީގެ ދަރިވަރެއް ކަމަށްވާ ލިއަންގް ހެކްސިއާންގް ޖޫން 14 ގައި ބުނެފައިވެ އެވެ.
ޗައިނާގެ ނޭޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީގައި އުފެއްދި މި އާ ޑިވައިސްގެ ދިގުމިނުގައި ހުންނަނީ އެންމެ ދެ ސެންޓިމީޓަރެވެ. ފުޅާމިނުގައި ތިން ސެންޓިމީޓަރު ހުންނައިރު ބަރުދަން 0.2 ގްރާމަށް ވުރެ ލުޔެވެ.
ސީސީޓީވީ އިން މި ޑްރޯން ދައްކާލި އިރު މީގެ ރިސާޗަރު ދެ އިނގިލިން އެ ޑޯން ހިފަހައްޓާލައިގެން ހުންނައިރު އެއްޗެއް އޮންނަހެން ވެސް ހީނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ޑްރޯން ރާޑަރަަކަށް ނުފެންނާނެ އެވެ. ވަރަށް ކުދި ކެމެރާތަކާއި މައިކްރޯފޯންތައް ބޭނުންކޮށްގެން ވިޝުއަލް، އަޑު އަދި އިލެކްޓްރޯނިކް ސިގްނަލްތައް ރެކޯޑުކުރާއިރު މި ޑްރޯން އުދުހޭ އަޑު ވެސް ވަރަށް މަޑުވާނެ ކަމަށްވެ އެވެ.
ޑްރޯން ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މިފަދަ މައިކްރޯ ރޮބޮޓިކްސް ދިރާސާތައް އެހެން ތަންތަނުގައި ވެސް ދަނީ ކުރަމުންނެވެ.
އަސްކަރީ އެޕްލިކޭޝަންތަކަށް ބަލާއިރު، ނޯވޭގައި އެންމެ ފުރަތަމަ އުފެއްދި އަދި ޓެލެޑައިން ފްލާރް ޑިފެންސް އިން އުފައްދަމުން އަންނަ ބްލެކް ހޯނެޓް އަކީ މިއަށްވުރެ ތަންކޮޅެއް ބޮޑު މައިކްރޯ ޑްރޯންއެކެވެ. އޭގެ ސަބަބުން ސިފައިންނަށް ހާލަތު ވަޒަންކުރުމުގައި ވަނީ ރައްކާތެރި އަދި ފަސޭހަ ގޮތެއް ލިބިފަ އެވެ. އެންމެ ފަހުގެ މޮޑެލް، ބްލެކް ހޯނެޓް 4 އަކީ ތާމަލް ފޮޓޯތައް ދެ މޭލު ދުރުން ޓްރާންސްމިޓްކޮށްދޭ އަދި 30 މިނެޓަށް ވުރެ ގިނަ އިރު އުދުހުމުގެ ގާބިލުކަން ލިބިފައިވާ މޮޑެލްއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.