27 ޖޫން 2025 - 22:02

ރިސޯޓުތައް މަދު އަތޮޅުތަކުގައި ޓޫރިޒަމްގެ އިތުރު ފުރުސަތުތައް ހުޅުވާލަން ވެފައިވާ ވައުދާ އެއްގޮތަށް އެކަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އަންނަ ހަފްތާގައި އެކަމުގެ ތަފްސީލްތައް ހާމަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ގޮތަށް އަދި މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވާ ގޮތަށް، ޓޫރިޒަމްގެ ފުރުސަތުތައް މިހާރު މަދުން ހުރި އަތޮޅުތަކުގައި އެކަން ފުޅާކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މި މަސައްކަތް ފަށާ އަތޮޅުތަކުގެތެރޭގައި ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ އަތޮޅުތަކުގައި ޓޫރިޒަމްގެ ފުރުސަތުތައް ތަނަވަސްކުރާނީ އިންވެސްޓަރުންނާއި އެކި ދާއިރާތަކުން ދޭ ލުއިތަކާއި އިނާޔަތްތަކާއި އިންފްރާސްޓްރަކްޗާގެ އިންވެސްޓްމަންޓްތަކާއި ހާއްސަ މާކެޓިން ސްޓްރެޓެޖީއަކާ އެކުގަ އެވެ.
"... މިކަންކަން ފަރުމާކޮށްފައި ވާނީ އެއީ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، މި ދާއިރާތަކުގައި އިތުރު އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ހިތްވަރުލިބޭ ގޮތަށް،" ރައީސް ލިޔުއްވާފައިވެ އެވެ.
"ޕަބްލިކް ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާއަށް ކުރަމުން ގެންދާ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއަށް އޮތް މަރުހަލާ ކުރިއެރުވުމަށް މިއީ އެންމެ އެކަށޭނަ ވަގުތު. މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހާމަކުރާނެ."
ރައީސް މިއަދު ވަނީ ރާއްޖެ އަށް ހަލާލް ޓޫރިޒަމް ތައާރަފްކުރުމަށްޓަކައި އެކަމަށް ރަށްތަކެއް ކަނޑައަޅަން ވެސް ނިންމަވައިފަ އެވެ. މި ފެށޭ ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އެކަމުގެ ތަފްސީލްތައް ވެސް ހާމަކުރާނެ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.