ޣައްޒާގެ ގަތުލްއާންމުގައި މިއަދު 62 މީހަކު ޝަހީދުކޮށްލި
ޣައްޒާގެ ގަތުލްއާންމުގައި މިއަދު 62 މީހަކު ޝަހީދުކޮށްލި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން އާންމުންނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު މިއަދު ވެސް މަދުވެގެން 62 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

އިއްޔެ ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވީ މިއަދު އެކަނިވެސް 62 މީހަކު ޝަހީދުކޮށްލާފައި ވާއިރު، ހައިހޫނުކަމުގައި އުޅެންޖެހިފައިވާ އާންމުންގެ ތެރެއިން ކާނާ ހޯދަން ގޮސް އެހީގެ މަރުކަޒުތަކުގެ ކައިރީގައި ތިއްބާ ޝަހީދުކޮށްލި 10 މީހަކު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އދ. އިން ޣައްޒާގައި އެހީގެ މަސައްކަތް ކުރުން ހުއްޓުވުމަށް ފަހު އިޒްރޭލާއި އެމެރިކާ ބޭނުންވާ ގޮތަށް އެކަން ކުރުމަށް ހަވާލުކޮށްފައިވާ އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ދޫކުރަން ފެށި ފަހުން ކޮންމެ ދުވަހަކުހެން އެހީގެ މަރުކަޒުތަކުގެ ކައިރީ އާންމުންނަށް ހަމަލާދެ އެވެ.

އެހީގެ މަރުކަޒުތަކުގެ ކައިރީގައި މީހުންނަށް ހަމަލާދޭ މައްސަލައިގައި އޭއެފްޕީން ސުވާލުކުރުން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެކަން ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. ޣައްޒާގެ މެދުތެރޭގައި އެހީ ބަހާ ތަނެއްގައި ވެސް ވެސް މީހަކު ޝަހީދުކޮށްލި ކަމަށް ބުނެފައި ވާއިރު އިޒްރޭލުން ބުނީ އެ ހިސާބުގައި އެހީގެ މަރުކަޒެއްގެ ކައިރީ ހަމަލާދީފައި ނުވާނެ ކަމަށެވެ.

ބައްސާލް އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ޖީއެޗްއެފުން ހިންގަމުން އަންނަ ޑިސްޓްރިބިއުޝަން ސެންޓަރުތަކުގެ ތެރެއިން އެއް ތަނެއްގެ ކައިރިން، ޣައްޒާގެ ދެކުނުގައި ހަ މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށާއި، އެ ސަރަހައްދުގެ މެދުތެރޭ ސަރަހައްދުގައި ހިނގި އެހެން ހާދިސާއެއްގައި އިތުރު މީހަކު ޝަހީދުވި ކަމަށެވެ. މީގެ އިތުރުން ޣައްޒާގެ ހުޅަނގު ދެކުނުގެ މަރުކަޒެއްގެ ކައިރީ ދިން ހަމަލާއެއްގައި ވެސް އިތުރު މީހަކު ޝަހީދުވި ކަމަށް ވިދާޅުވި އެވެ.

ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މެއި މަހުން ފެށިގެން ވަނީ، އެހީ ދޭ މަރުކަޒުތަކުގެ ކައިރީގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފަ އެވެ.

ނަމަވެސް ޖީއެޗްއެޗް އިން ބުނަމުންދަނީ އެ މީހުންގެ މަރުކަޒުތަކަށް ފެންނަ ހިސާބުގައި ހަމަލާތައް ނުދޭ ކަމަށެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،219 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 56،331 މީހަކު ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ