27 ޖޫން 2025 - 17:41

އެފްއޭއެމްގެ ކޮންގްރެސް އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން އެ އެސޯސިއޭޝަންގެ އާ އަސާސީ ގަވާއިދު މިއަދު ފާސްކޮށްފި އެވެ.
މީރުމާ ހޮޓެލްގައި ކުރިއަށް ގެންދާ ކޮންގްރެސްގައި ހުރިހާ ކްލަބަކުން އަސާސީ ގަވާއިދަށް ރުހުން ދިނެވެ.
ކޮންގްރެސްގައި ވޯޓް ދެވޭ 23 ކްލަބްގެ ތެރެއިން 21 ކްލަބް ކޮންގްރެސް އަށް ހާޒިރުވި އެވެ. ކޮންގްރެސްގައި ބައިވެރި ނުވަނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކުން ދެ މަންދޫބުން ހިމެނޭ ގޮތަށް 23 މަންދޫބުން ކޮންގްރެސްގައި ތަމްސީލު ކުރި އެވެ.
ގަވާއިދުގެ ހުރިހާ މާއްދާތަކަށް ވޯޓަށް އެހީ އެއްކޮށެވެ.
އަސާސީ ގަވާއިދަށް ގެނައި އެންމެ ބަދަލަކީ ޒޯން އުވާލައި މަތީ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރު ކުރުމެވެ.
ކުރީގެ ގަވާއިދުގައި އޮތީ އެފްއޭއެމްގެ މެންބަރު ކްލަބްތަކަކީ ފުރަތަމަ ޑިވިޝަނުން 8 ކްލަބް އަދި ދެވަނަ ޑިވިޝަނުން 10 ކްލަބް ކަމަށެވެ.
މިހާރުގެ އަސާސީ ގަވާއިދުގައި އެއްވަނަ ޑިވިޝަނުގެ ކްލްބްތަކުގެ އަދަދަކީ 10 އެކެވެ. ދެވަަނަ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދަކީ 13 އެވެ.
- އެއްވަނަ ޑިވިޝަނުގެ 10 ކްލަބް
- ދެ ވަނަ ޑިވިޝަނުގެ 13 ކްލަބް
ކުރީގެ ގަވާއިދުން އެފްއޭއެމްގެ މެންބަރުންގެ ތެރޭގައި "ނުވަ ޒޯން" ހިމެނާފައި ވެއެވެ. ޒޯންކަމަށް ބުނެ އެ ފުރުސަތު އެފްއޭއެމުން ދިނީ ތިންވަނަ ޑިވިޝަނުގެ އެއް ކްލަބަށެވެ. މިއަދު ބޭއްވި ކޮންގްރެސްގައި ވެސް އެ ފުރުސަތު ދިނީ ސީބީއެލްއަށެވެ.
އެކަމަކު އަންނަ މަހު ބާއްވާ ކޮންގްރެސްގައި އެ ޓީމަށް އެ ފުރުސަތެއް ނުދޭނެ އެވެ. މިއަދަށް ފަހު ބާއްވާ ކޮންގްރެސްގައި ތަންސީލު ކުރަނީ އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކްލަބްތައް އެކަންޏެވެ.
އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމާ އެކު މަދުވެގެން ފަސް ކްލަބްގެ ތާއީދު ލިޔުން ހުށަހަޅަން ޖެހޭނެ އެވެ. ތެރެއިން ފުރަތަމަ ޑިވިޝަނުން ތާއީދު ސިޓީ ހޯދަން ޖެހޭނީ ތިން ކްލަބްުން ކަމަށް ކުރީގެ އަސާސީ ގަވާއިދުގައި ވެއެވެ. އެކަމަކު ކޮންގްރެސްގެ މެންބަރުން މިއަދު ފާސް ކުރި އަސާސީ ގަވާއިދުގައި ވަނީ ފަސް ކްލަބްގެ ތެރެއިން ފުރަތަމަ ޑިވިޝަނުން މަދުވެގެން ދެ ކްލަބްގެ ތާއީދު ސިޓީ ހުށަހަޅާ ގޮތަށެވެ.