27 ޖޫން 2025 - 12:48

ސްޕެއިންގެ ސެވިލްގައި ބާއްވާ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މިއަދު ހެނދުނު ސްޕެއިނަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
އެ ކޮންފަރަންސްގެ އިފްތިތާހީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލެނަރީ ބައްދަލުވުމުގައި އެ މަނިކުފާނު ބަޔާނެއް އިއްވެވުމަށް ތާވަލު ކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން؛
- މަސްލަހަތުވެރިންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެ.
- ދަރަނި އަދާކުރުމުގެ ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށާއި މާލީ ނިޒާމުގައި ޝާމިލުކަން ކަށަވަރުކުރުމުގެ މައްޗަށް ވެސް މަޝްވަރާކުރައްވާނެ.
- ރާއްޖޭގެ އިސްނެގުމުގެ މަތިން ކޮންފަރެންސްގެ ހަވާސާގައި ބާއްވާ ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެފްއެފްޑީ4 އަކީ، މާލީ އިސްލާހާ މެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރުމަށް ސަރުކާރުތަކާއި ބައިނަލްއަގުވާމީ އާއި ސަރަހައްދީ ޖަމިއްޔާތަކާއި މާލީ އާއި ވިޔަފާރީގެ މުއައްސަސާތަކާއި ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކާއި އދ. ގެ ގުނަވަންތައް އެއްފުރާޅެއްގެ ދަށަށް ގެނެސްދޭ މުހިންމު ބައްދަލުވުމެކެވެ.
އެ ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުން ބޭއްވީ އިތިއޯޕިއާގެ އަޑިސް އަބަބާގައި 2015 ވަނަ އަހަރު އެވެ.