27 ޖޫން 2025 - 13:29

އެމްޑީޕީގެ ރައީސާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި، އެ ޕާޓީ ހިންގުމާ ގުޅޭ މުހިންމު އިސްލާހުތަކެއް އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ ކަމަށް އިދިކޮޅު ލީޑަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އަށް އިއްޔެ 20 އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ ބަދަލުތައް ގެންނަން މަސައްކަތް ކުރައްވަނީ ދެން އެންމެ އަވަހަށް ބާއްވާ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ކަމަށެވެ. އެހެންވެ، އަސާސީ ގަވާއިދަށް އިސްލާހު ގެނައުމުގެ ރޯޑުމެޕެއް މިހާރު އެކުލަވާލާފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އެކުލަވާލާފައިވާ ރޯޑުމެޕްގައި އޮންނާނީ އެ ދެ މަގާމު [ޗެއާޕާސަނާއި ރައީސްގެ މަގާމު] އެއްކޮށްލާފައި ކޮންމެވެސް އެއް މަގާމެއްގެ ގޮތުގައި އެ ބަދަލުކުރަން. ވަރަށް މުހިންމު ބަދަލެއް. ބައެއް ބޭފުޅުންނަށް އެއީ އެހާ ފަސޭހަ ބަދަލަކަށް ވެސް ނުވެދާނެ ވިސްނަން. އެކަމަކު އަޅުގަނޑަށް ހީވަނީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއްހެން،" ފައްުޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ފައްޔާޒު ހުންނެވިއިރު، ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި މިހާރު ހިމަނާފައިވާ ގޮތުން އެ ޕާޓީގެ އެތެރޭގެ ކަންކަން ރާވައި އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސްފަރާތަކީ ޗެއާޕާސަނެވެ. ގައުމީ މަޖިލިހާއި ގައުމީ ހިންގާ ކޮމިޓީ އާއި ކޮންގްރެސްގެ ރިޔާސަތު ބެލެހެއްޓުން ވެސް އެއީ ޗެއާޕާސަންގެ ޒިންމާއެކެވެ. އޭގެ އިތުރުން ޗެއާޕާސަންގެ ޒިންމާތަކަކީ:

- ޗެއާޕާސަންގެ މަގާމު ފިޔަވައި އަސާސީ ގަވާއިދުގައި ބަޔާންކުރާ ހުރިހާ އިންތިހާބުތައް ބޭއްވުން.

- ޕާޓީގެ އިދާރީ ކަންކަން ރާވައި ހިންގުން.

- ޕާޓީގެ މެމްބަރުންގެ ތެރޭގައި ޑިމޮކްރެސީގެ މިންގަނޑުތަކާއި ހަހަމަހަމަކަން ގާއިމްކުރުން.
- ގައުމީ މަޖިލިހުގެ ރިޕޯޓުތައް ކޮންގްރެސް އަށް ހުށަހެޅުން.
- ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލިހުން ހަވާލުކުރާ އެހެނިހެން ކަންކަން ހިންގުން.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގެ ރައީސަކީ ސިޔާސީ ކަންކަމުގައި އެމްޑީޕީ ތަމްސީލްކުރާ އަދި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސްބޭފުޅާ އެވެ. އޭގެ އިތުރުން ޕާޓީގެ ރައީސްގެ އެހެން ޒިންމާގެ ތެރޭގައި ހިމެނެނީ:
- ކޮންގްރެސް އާއި ގައުމީ މަޖިލިހުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުން.
- ޕާޓީގެ މެމްބަރުންގެ ތެރޭގައި ޑިމޮކްރެސީގެ މިންގަނޑުތަކާއި ހަހަމަހަމަކަން ގާއިމްކުރުން.
- ޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލިހުން ހަވާލުކުރާ އެހެނިހެން ކަންކަން ހިންގުން.
އެމްޑީޕީގެ ޗެއާޕާސަނާއި ރައީސް ވެސް އިންތިހާބު ކުރަނީ އެ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން ފަސް އަހަރުގެ މުއްދަތަކަށެވެ.
- ޕާޓީގެ ލީޑަރުގައި ހުންނަވާ ބޭފުޅެއްގެ މަގާމުގެ މުއްދަތުގެ ތެރޭގައި ކުރިމަތިވާ ރިޔާސީ އިންތިހާބަކަށް އެ އެ ބޭފުޅަކަށް ކުރިމައްޗެއް ނުލެވޭނެ.
- އެމްޑީޕީ އަށް ވެރިކަން ލިބޭ ހާލަތުގައި އެ ޕާޓީގެ ލީޑަރަށް ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް ނުދެވޭނެ. އޭގެ ތެރޭގައި ކެބިނެޓާއި ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކުގެ މަގާމުތައް ހިމެނޭ. އެ ބަދަލު ގެންނަނީ ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެމްޑީޕީ ހީނަރު ވާތީ ކަމަށް ފައްޔާޒު ވިދާޅުވި. ޕާޓީގެ ލީޑަރަކީ އެމްޑީޕީ އަށް ހުސްވެފައިވާ ބޭފުޅަކަށް ހެދުން ކަމަށް ފައްޔާޒު ވިދާޅުވި.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ވަނަ ދުވަހުގެ ރޭ ފާސްކޮށްފައިވާ ގޮތުން ނަމަ އެ ޕާޓީގެ ކޮންގްރެސް އަންނަ އޮގަސްޓް މަހުގެ 15 އިގެ ކުރިން ބާއްވަން ޖެހެ އެވެ.
ފައްޔާޒު ވިދާޅުވީ، އަސާސީ ގަވާއިދަށް އިތުރު މުހިންމު އިސްލާހުތައް ކޮންގްރެސްގައި ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެއާ ގުޅޭ ރޯޑްމެޕެއް އެކުލަވައިލީ ރަށްރަށަށް ކުރި ދަތުރުތަކުގައި އާންމު މެމްބަރުންގެ ވެސް ހިޔާލު ހޯދައިގެން ކަަމަށެވެ.
"އަޅުގަނޑު މި ދައްކާ ވާހަކަ ގިނަ ބޭފުޅުން ގަބޫލުކުރޭ އެ ގޮތަށް ބަދަލުވެއްޖެ ކަމަށް ވެއްޖިއްޔާ ޕާޓީ މާ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ރޭގެ ޕްރޮގްރާމުގައި ފައްޔާޒު ވަނީ އެމްޑީޕީގެ އެތެރޭގައި ކުރިމަތިވާ އެހެން ބައެއް މައްސަލަތަކަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފެކްޝަން ހެދުމުގެ މުހިންމު ކަމެވެ.
ފައްޔާޒު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ތެރޭގައި ފެކްޝަން އޮންނަން ޖެހޭނެ ކަމަށާއި އެކި ފިކުރުތަކުގެ ފެކްޝަނާ ނުލައި ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރެސީ ނުހިފެހެއްޓޭނެ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންގެ ފިކުރާއި ވިސްނުމާ ތަފާތު "ވަރުގަދަ ބައިތަކެއް" އެ ޕާޓީގެ ތެރޭގައި އޮންނަން ވާނެ އެވެ. އެ "ބައިތައް" ނެތިއްޖެ ނަމަ ފައްޔާޒު ވިދާޅުވި ގޮތުގައި ނަތީޖާއަކަށް ވާނީ ޕާޓީގެ ވެސް ހުދުމުހުތާރުކަން ބޮޑުވުން ކަމަށެވެ.
"މީގެ 5-6 އަހަރުގެ ކުރިއަކުންނެއް އެމްޑީޕީގެ ތެރޭގައި ތި ބުނާ ފެކްޝަނެއް ފެންނާކަށް ނޯންނާނެ. އެއީ އެ އަކަށް ޖާގައެއް ނޯންނާނެ އެއިރަކު. މިހާރު [ފެކްޝަން އުފެދުމުގެ] ޖާގަ އެބައޮތް ބޮޑުކޮށް،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އުންމީދަކީ ދުވަހަކު ވެސް އެމްޑީޕީ އެ ފެކްޝަން ނޯންނަ ގޮތަކަށް ބަދަލު ނުވުން. އެހެން ނޫނިއްޔާ އެތެރޭގެ ޑިމޮކްރެސީ ނުހިފެހެއްޓޭނެ."
ފައްޔާޒު ވިދާޅުވީ، ސިޔާސީ ކަންކަކަމާ އޭނާ ވިސްނަވަނީ ބުއްދީގެ ހަމަތަކުން އެކަނި ކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އުފެދެނީ ވެސް އެ ގޮތަށް ވިސްނަވާތީ އާއި އޭނާ ގެންނަވާ ބަދަލުތަކުގެ ނަތީޖާ އިން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ފެކްޝަނަށް ޖާގަ ލިބެނީ ލީޑަޝިޕާ ޗެލެންޖު ކުރަން ޖާގަ ލިބެނީ ލީޑަޝިޕަށް އެއްޗެހި ބުނަން ޖާގަ ލިބެނީ އިންސްޓިޓިއުޝަނަކަށް [އެމްޑީޕީ] ބަދަލުވެގެންދާ ދިއުމުގެ މައްޗަށް ބިނާކޮށް،" އެމްޑީޕީގެ ލީޑަޝިޕްގެ އެތެރޭގެ ފެކްޝަންތައް ދިފާއު ކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ މަގުމަތީގެ ހަރަކާތްތައް ފަހަކަށް އައިސް މަދުވެފައިވާތީ ފައްޔާޒަށް ކުރިމަތިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އޭނާ ރޭ ވިދާޅުވީ، އެ ހަރަކާތްތަކަކީ "ދަޅައެއް" ކަމަށެވެ.
އޭނާ ވިދާޅުވީ، އޭގެ ބަދަލުގައި މިދިޔަ 20 އަހަރު އެމްޑީޕީން ފެނުނު ކަމަކީ އެ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާ ކުރަން ޖެހޭ ކަން ކަމަށެވެ. ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު 2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އެމްޑީޕީން ގިނަ ބަޔަކު ވަކިވެގެން ދިއުމުން ވެސް އެނގުނީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރެސީ ހަރުދަނާ ކުރަން އޭނާ ގެންގުޅުއްވާ ވިސްނުމުގެ މުހިންމުކަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ޕާޓީއެއް ވަކި ބައެއްގެ މައްޗަށް ބިނާވެގެން ނުވާނެ. އަޅުގަނޑު މިތާނގައި އިނީމަކާއެއް ނޫނޭ މި ޕާޓީ އަށް ސަޕޯޓު ލިބެން ޖެހޭނީ. ރައީސް ނަޝީދު މިތާ ހުންނެވީމަކާއެއް ނޫނޭ ޕާޓީ އަށް ސަޕޯޓު ލިބެން ޖެހޭނީ، ރައީސް ސޯލިހު ހުންނެވީމަކާއެއް ނޫނޭ ޕާޓީ އަށް ސަޕޯޓު ލިބެން ޖެހޭނީ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކުރިމަގު މީގެ ކުރިން އޮތީ އޭރުގެ ލީޑަޝިޕްގެ އެންމެ އިސްވެރިޔާ ނަޝީދަށް އޮތް ތާއީދެއްގެ މައްޗަށެވެ. މީގެ 20 އަހަރު ކުރިން ގައުމުގެ ހާލަތު އޮތް ގޮތަށް ބަލާއިރު ކެރިވަޑައިގެން އެމްޑީޕީގެ ލީޑަޝިޕާ ހަވާލުވެވަޑައިގެންނެވި މަދު ބޭފުޅުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގެންނެވުމުން އެކަން އެހެން ވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެކަމަކު، ފައްޔާޒު ވިދާޅުވިގޮތުގައި އޭނާގެ ބޭނުންވަނީ ތަފާތު ފިކުރުތަކަށް ޖާގަދީގެން، ޑިމޮކްރެޓިކް އިންސްޓިޓިއުޝަނެއްގެ ގޮތުގައި އެމްޑީޕީގެ ކަންކަން ކުރިއަށް ގެންދިއުމެވެ.