21 މާޗް 2017 - 10:38

ބާސެލޯނާ (މާޗް 21) - މުސްތަގުބަލުގައި އިނގިރޭސި ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.
ބްރެޒިލްގެ ސަންޓޮސް ދޫކޮށް 2013 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވުމަށް ފަހު މިހާތަނަށް އެ ޓީމަށް ކުޅެދިން 176 މެޗުން އޭނާ ވަނީ 99 ލަނޑު ޖަހައިފަ އެވެ. މިދިޔަ އޮކްޓޫބަރު މަހު ނޭމާ ވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގައި މަޑުކުރަން އެއްބަސްވުން އާ ކޮށްފަ އެވެ.
ބާސެލޯނާ އިން ނޭމާގެ އެއްބަސްވުން އާ ކުރީ ގިނަ ކްލަބްތަކުން އޭނާ ގެންދަން ޝައުގުވެރިކަން ފާޅުކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑް ވެސް ހިމެނެ އެވެ.
"ޕްރިމިއާ ލީގަކީ އަހަރެން ވަރަށް ގަޔާވާ މުބާރާތެއް. އެ ލީގުގައި ކުޅޭ ސްޓައިލާއި ޓީމުތައް އަހަންނަށް ވަރަށް ކަމުދޭ. ކިހިނެއް އެނގެނީ ކޮންމެވެސް ދުވަހަކުން އަހަރެން އިނގިރޭސި ކްލަބަކުން ނުފެންނާނެކަމެއް. އަހަރެން އެ ލީގުގައި ކުޅެން ބޭނުން،" ނޭމާ ބުންޏެވެ. "އަހަރެންނަށް އެންމެ ކަމުދާ އިނގިރޭސި ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، އާސެނަލް އަދި ލިވަޕޫލް މިއީ އަބަދުވެސް ކާމިޔާބު ހޯދަން މަސައްކަތްކުރާ ކްލަބްތައް."
އުމުރުން 25 އަހަރުގެ ނޭމާ ބުނީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެން ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ ކަމަށެވެ.
"އެންމެ މަތީ ފަންތީގެ ކޯޗުން ވެސް ޕްރިމިއާ ލީގުގައި މަސައްކަތް ކުރަން ބޭނުންވޭ. ގާޑިއޯލާ އާއި މޮރީނިއޯ ފަދަ ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެން ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ،" ނޭމާ ބުންޏެވެ.
ޕްރިމިއާ ލީގުގައި ވާދަކުރާ ކޮންމެ ޓީމަކީ ވެސް ތަފާތު ޓީމެއް ކަމަށާއި އެއްވެސް މެޗަކުން މޮޅުވާނެ ޓީމެއް ޔަގީންކޮށް ބުނަން ނޭނގޭނެ ކަމަށް ނޭމާ ވަނީ ބުނެފަ އެވެ.
""މިދިޔަ ސީޒަނުގައި ކާކު ހީކުރާނީ ލެސްޓާ ލީގު ހޯދާނެ ކަމަށް. އެކަމަކު އެ ޓީމުން އެކަން އޮތީ ކާމިޔާބު ކޮށްފައި. މިއީ ޕްރިމިއާ ލީގުގެ ހާއްސަކަން. ކޮންމެ ޓީމަކީ ވެސް ތަފާތު ނަތީޖާތަކެއް ނެރެވިދާނެ ޓީމެއް،" ނޭމާ ބުންޏެވެ.