ޣައްޒާގައި މިއަދު 56 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި މިއަދު 56 މީހަކު ޝަހީދުކޮށްފި

ފަލަސްތީނުގެ ޣައްޒާގައި މިއަދުވެސް 56 މީހަކު މިހާތަނަށް ޝަހީދުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މިއަދު ޝަހީދުކޮށްލި މީހުންގެ ތެރެއިން މަދުވެގެން ހަ މީހުންނަކީ އެހީ ބަހާ މަރުކަޒުތަކުން އެހީ ހޯދަން ގޮސް ތިއްބާ ހަމަލާ ދިނުމުގެ ސަބަބުން ޝަހީދުވި މީހުންނެވެ.

ޣައްޒާއަށް އިޒްރޭލުން ހަމަލާ ދެމުން ގެންދާތާ 20 މަސް ދުވަސް ވެފައި ވާއިރު މިހާރު އެ ސަރަހައްދު އޮތީ ހަމަލާތަކާއި ހިސާރުގެ ސަބަބުން ކާބޯތަކެތި ހުސްވެ އެންމެން ހައިހޫނުކަމުގައި އުޅެން ޖެހިފަ އެވެ. އިޒްރޭލާއި އެމެރިކާ ބޭނުންވާ ގޮތަށް އެހީގެ ސާމާނު ބަހާ ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރާއިރު ކޮންމެ ދުވަހަކުހެން އެހީގެ މަރުކަޒުތަކުގެ ކައިރިން ބަޔަކު ޝަހީދުކޮށްލަ އެވެ.

ސިވިލް ޑިފެންސުން ބުނި ގޮތުގައި މިއަދުވެސް އެހީގެ ދެ ސެންޓަރެއްގެ ކައިރީ އާންމުންނަށް ހަމަލާދީ ޝަހީދުކޮށްފައިވެ އެވެ.

މީގެ ދެ ދުވަސް ކުރިން އިޒްރޭލު-އީރާން ހަނގުރާމައިގައި ހޭދަވި 12 ދުވަސް ތެރޭ ވެސް ޣައްޒާގައި 870 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ ދެ އަހަރުވާން ގާތްވެފައި ވާއިރު އެ ހަމަލާތަކުގައި 56،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުވެފަ އެވެ.