14 ޖޫން 2016 - 14:40

ރާއްޖޭގައި ފިކުރީ ހައްދުފަހަނައެޅުމާ ގުޅޭ ގޮތުންނާއި ދީނީ ހިޔާލު ތަފާތުވުންތަކާއި ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވާ ސަބަބު ދެނެގަތުމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ފުރަތަމަ ފަހަރަށް ދިރާސާއެއް ކުރަން މިއަދު ފަށައިފި އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ދިރާސާގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ފިކުރީ ގޮތުން ހައްދު ފަހަނައަޅައިދިއުމާއި ދީނީގޮތުން ހިޔާލު ތަފާތުވާ ސަބަބުތަކާއި ބޭރުގެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވަމުންދާ ސަބަބުތައް ދެނަގަނެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ސަލާމަތް ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވޭނެ ކަމަށް ޑިފެންސުން ބުންޏެވެ.
ދިރާސާ ހެދުމުގައި، ރާއްޖޭގައި މިހާރު ތިއްބެވި ދީނީ ބައެއް އިލްމުވެރިންނާއި ޓެކްނޮކްރެޓުންނާ މަޝްވަރާކޮށް، މަޢުލޫމާތު އެއްކުރާނެ ކަމަށް ޑިފެންސުން ބުނެ އެވެ. މީގެ އިތުރުން ރާއްޖޭގައި ހިންގާފައިވާ ބައެއް ހާދިސާތަކާއި އެ ހާދިސާތައް ހިންގާފައިވާ ގޮތާއި، ބައިނަލްއަގުވާމީ މަޝްރަހުގައި މިފަދަ ކަންކަމާ ބެހޭގޮތުން ހަދާފައިވާ ދިރާސާތައް ވެސް މުރާޖައާ ކުރާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ކުރަމުން ގެންދާ މި ދިރާސާގެ ތަފްސީލް ރިޕޯޓް އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި އާންމު ކުރުމުގެ މަސައްކަތް އެ ސެންޓަރުން އަންނަނީ ކުރަމުންނެވެ.
ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާ ބެހޭ ގޮތުން ސަރުކާރުގެ ސިޔާސަތު ހާމަކުރާ ކަރުދާހެއް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުއްވައިފަ އެވެ.
ސަރުކާރުން ކަރުދާހެއް ހުށަހަޅާފައި މިވަނީ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރާ ދިވެހިންގެ އަދަދު ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ރައީސް ޔާމީނަށާއި ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް އިންޒާރުދީ، ދިވެހި ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ދާދި ފަހުން ވީޑިއޯއެއް ވެސް ނެރެފައިވެ އެވެ.