26 ޖޫން 2025 - 12:40

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް އެމްޕަވަމަންޓް ހަބެއް ހެދުމަށް މޯލްޑިވްސް ޒަކާތު ހައުސް އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާ ދެމެދުގައި އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޒަކާތު ހައުސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނަރަލް ޝައިޚް އިއްޒައްދީން އަދުނާން އަދި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއިލް އަލީ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އެމްޕަވަމަންޓް ހަބެއް ހެދުމަށް ޒަކާތު ހައުސްގެ އެހީތެރިކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން އެދިފައި ވާތީ، އެކަމަށް އެހީތެރިވާން ޒަކާތު ހައުސް އިން ނިންމީ މިދިޔަ މާޗު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
އެމްޕަވަމަންޓް ހަބެއް ހެދުމުގެ ބޭނުމަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީ މިހާރު އިތުރުވަމުން ދާތީ އެ މީހުންގެ ހުނަރު ކުރިއަރުވައި، އިސްލާމީ ތަރުބިއްޔަތު ދިނުމާާއި އިތުރަށް ބާރުވެރިކުރުމަށާއި އެފަދަ މީހުންނަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަދި އެ މީހުންނަށް މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރު ކަމަށެވެ.
އެ އެމްޕަވަމަންޓް ހަބް ހެދުމަށް ހަމަޖެހިފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ އަމާން އުދަރެސް ޓަވަރު ހަތެއްގެ އެއްވަނަ ފުލޯގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ހަބު މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެތައް ފައިދާއެއް ކުރާނެ ކަމަށެވެ.