ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި ބްރޯޑްކޮމްގެ އައިޓީ އޮފިސަރު މަގާމުން ވަކިކޮށްފި
ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި ބްރޯޑްކޮމްގެ އައިޓީ އޮފިސަރު މަގާމުން ވަކިކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސާވާތަކަށް ގެއްލުންދިން މައްސަލައެއްގައި ސަސްޕެންޑްކުރި އެ ތަނުގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް، މަގާމުން ވަކިކޮށްފި އެވެ.

މިދިޔަ މެއި މަހުގެ 22 އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ފަޒީލް ސަސްޕެންޑްކުރިއިރު އޭނާ "މިހާރު" އަށް އޭރު ބުނީ، ސަސްޕެންޑްކުރި ސަބަބު ނޭނގޭ ކަމަށެވެ.

އެކަމަކު އޭނާ ސަސްޕެންޑްކުރުމުގެ އެއް ދުވަސް ކުރިން ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން ފުލުހުންގެ ޓެކްނީޝަނުން އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ.

ބްރޯޑްކޮމްގެ ރައީސް ސޮފާ ޝަފީގް "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ކޮމިޝަނުން އެނަލައިޒް ކުރުމަށް ފަހު ފުލުހުންގެ ތަހުގީގަކަށް އެދުނު ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ފަހު މިދިޔަ ހޯމަ ދުވަހު ބްރޯޑްކޮމް އަށް އެންގީ އެއީ ގަސްދުގައި ދީފައިވާ އަމަލެއް ކަމަށް ފެންނަ ކަމަށެވެ.

"އެ ބޭފުޅުން [ފުލުހުން] 23 ޖޫން 2025 ވަނަ ދުވަހު އަޅުގަނޑުމެންނަށް ބުނެފައި އެބަވޭ އެ ބޭފުޅުންގެ ތަހުގީގަށް އެ މައްސަލާގައި ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު އެ މައްސަލާގައި ހިމެނޭ އަމަލަކީ ގަސްދުގައި ކޮށްފައިވާ އަމަލެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށް،" ސޮފާ ވިދާޅުވި އެވެ.

އެހެންވެ، ފަޒީލް ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ނޯޓިސް ދިނުމަކާ ނުލާ ކަމަށާއި އެއީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް ސޮފާ ވިދާޅުވި އެވެ.