ވިހެއުމަށް ފަހު ކިއާރާ ފުރަތަމަ ކުޅޭނީ މީނާ ކުމާރީގެ ރޯލު؟
ވިހެއުމަށް ފަހު ކިއާރާ ފުރަތަމަ ކުޅޭނީ މީނާ ކުމާރީގެ ރޯލު؟

ކުރީގެ މަޝްހޫރު ބަތަލާ އަދި އިންޑިއާ ސިނަމާގެ އެންމެ މޮޅު ތަރިންގެ ގޮތުގައި ފާހަގަކުރެވުނު އެކަކު ކަމަށްވާ މީނާ ކުމާރީގެ ބަޔޮޕިކްގައި އޭނާގެ ރޯލު ކުޅުމަށް ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިހާރު އަލަތު ދަރިފުޅަށް ބަލިވެއިން ކިއާރާއަށް އެ ފިލްމު ހުށަހެޅުމާއެކު އޭނާ ވަނީ އެ ރޯލު ކުޅުމަށް އެއްބަސްވެފަ އެވެ. އޭނާ ވަރަށް އަވަހަށް އެ ފިލްމަށް ސޮއިކުރާނެ އެވެ. އަދި ކިއާރާ ވިހެއުމަށް ފަހު އެންމެ ފުރަތަމަ ކުޅޭނީ އެ ފިލްމެވެ.

"ހިޗުކީ" އާއިި "ވީ އާ ފެމިލީ" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ސިދާންތު ޕީ މަލްހޯތުރާ ޑައިރެކްޓުކުރާ އެ ފިލްމަށް ކިޔަނީ "ކަމަލް އޯރް މީނާ" އެވެ.

ކަމަލްއަކީ އިންޑިއާގެ "ދަ ޓްރެޖެޑީ ކުއީން"ގެ ގޮތުގައި މަޝްހޫރުވި މީނާ ކުމަރީގެ އެންމެ ފަހުގެ ފިލްމު، 1973 ވަނަ އަހަރު ގެނެސްދިން "ޕަކީޒާ"ގެ ޑައިރެކްޓަރެކެވެ. އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ބޭއްވި އިރު، އޭރު މީނާގެ އުމުރުން އެންމެ 18 އަހަރެވެ.

އުމުރުން އޭރު 35 އަހަރުގެ ކަމަލްއަކީ މީހަކާ އިނދެ ދަރިން ވެސް ލިބިފައިވާ މީހެކެވެ.

މި ފިލްމުގައި ދައްކާނީ މީނާ ކުމާރީގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ.

ފިލްމީ ދާއިރާގައި 33 އަހަރު މަސައްކަތްކުރި މީނާ ކުމާރީ މަރުވީ، މާ ގިނައިން ރާ ބުއިމުގެ ސަބަބުން އޭނާގެ ފުރަމޭ ހަލާކުވެގެން ދިމާވި ސިއްހީ އެކި މައްސަލަތަކަށް ފަރުވާކުރަނިކޮށް 1972 ގަ އެވެ. އޭނާ މަރުވީ އުމުރުން 38 އަހަރުގަ އެވެ.

"ދަ ޓްރެޖެޑީ ކުއީން"ގެ ނަން އޭނާއަށް ދެވުނީ ފިލްމުތަކުގައި އޭނާ ކުޅުނު އަސަރުގަދަ ރޯލުތަކުގެ ސަބަބުންނެވެ. އަދި އޭނާގެ އަމިއްލަ ދިރިއުޅުމުގައި ހިނގާފައިވާ ބައެއް ހިތްދަތި ކަންތައްތަކާ ގުޅުވައިގެންނެވެ.

އެ ފިލްމު ސިނަމާއަށް ގެންނަނީ އަންނަ އަހަރު އެވެ.

އެ ފިލްމުގައި މީނާ ކުމާރީގެ ރޯލު ކުޅުމަށް ކުރިން ކްރިތީ ޝެނޮން އަށް ވެސް ހުށަހެޅި އެވެ. އަދި އެ ފިލްމު ޑައިރެކްޓުކުރަން ކުރިން އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ވެސް ހަމަޖެއްސި އެވެ. ނަމަވެސް، އެ ފަންނާނުން މި ފިލްމުގެ މަސައްކަތުން ވަކިވި ސަބަބެއް އަދި ނޭނގެ އެވެ.