26 ޖޫން 2025 - 11:01

ފޯވާޑް ލައިނުގައި ހިމެނޭ ވިނީޝިއަސް ޖޫނިއާ އާއި، ކީލިއަން އެމްބާޕޭ ވެސް ޑިފެންސުގައި ބައިވެރިވާން ޖެހޭނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒަބީ އޮލޮންސޯ ބުނެފި އެވެ.
ރެއާލުން މިދިޔަ ސީޒަން ހުސް އަތާ ނިންމާލިއިރު، އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ޑިފެންސް ކުރާއިރު ފޯވާޑުންގެ އެހީތެރިކަން ނުލިބުމެވެ. ކާލޯ އަންޗެލޮޓީގެ ބަދަލުގައި އާ ސީޒަނަށް ޓީމާ ހަވާލުވި ކޯޗުގެ އަމާޒަކީ އެކަންކަން ބަދަލުކުރުމެވެ.
"އަހަންނަށް ޔަގީންވާ ކަމަކީ އަހަރެމެން ޖެހޭކަން އަދި އަހަރެމެން ބޭނުންވާކަން އެންމެން ޑިފެންސްކުރަން. ފުރަތަމަ އެގާރައިގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ޑިފެންސްކުރާއިރު ބައިވެރިވާން ޖެހޭ،" އަލޮންސޯ ބުންޏެވެ.
އަލޮންސޯ ބުނީ އޭނާ ކުޅުވާނީ ހައި ޕްރެސިން ގޭމެއް ކަމަށާއި، ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ނޫނީ އެކަމެއް ހާސިލްނުކުރެވޭނެ ކަމަށެވެ.
"ވިނީޝިއަސް އާއި ބެލިންހަމް އާއި ވަލްވާޑޭ އާއި އެމްބާޕޭ ވެސް ޑިފެންސްކުރަން ޖެހޭނެ. ޑިފެންސް ލައިން ކުރިއަށް އަރަން ޖެހޭ ވަގުތު ވެސް ހަމަ އެގޮތަށް އަންނާނެ،" އަލޮންސޯ ބުންޏެވެ.
އަންޗެލޮޓީގެ ކޯޗުކަމުގައި އޭނާ ވަނީ ފޯވާޑުން ފަހަތަށް ނުޖެހުނަސް މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އޭނާ ބޭނުންވަނީ ފޯވާޑުން، ގޯލު ޖަހަން ސަމާލުކަންދީގެން ތިބެން ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު އަލޮންސޯގެ ފަލްސަފާ މުޅިން ތަފާތެވެ.
އޭނާގެ ފުރަތަމަ ތަޖުރިބާއަކީ މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕެވެ. އެ މުބާރާތުގައި ރެއާލް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވެ އަނެއް މެޗުން މޮޅުވި އެވެ. ގްރޫޕުގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ އެވެ.