ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް އިއްޔެ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، އިއްޔެގެ ހެނދުނު 10:30 ގައި "އެލްސީ 308" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި އިރު އެ އުޅަނދުގައި ހަ މީހުން ތިއްބެވެ.

ސިފައިންގެ ތިން މީހަކާއި ބަންގްލަދޭޝްގެ ތިން މީހަކު ތިބި އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ދެ މީހުން، ބަނޑުން ޖަހާލި ހާދިސާގައި ގެއްލުނެވެ. އޭގެ ތެރެއިން ސިފައިންގެ އެކަކު އަޑިން ނަގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު އެވެ. ތ. ހިރިލަންދުއަށް ނިސްބަތްވާ ހާމިދަކީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން އުޅުއްވާފައިވާ އޮފިސަރެކެވެ. ހާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ރޭ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ހާދިސާ ހިނގި ގޮތް އަދި ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.