ވީއޭއެމް ކަޕްގައި ޗެމްޕިއަން އެޗްޑީސީ އަށް ފަސޭހަ މޮޅެއް
ވީއޭއެމް ކަޕްގައި ޗެމްޕިއަން އެޗްޑީސީ އަށް ފަސޭހަ މޮޅެއް

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލް ބުރުގައި ޗެމްޕިއަން އެޗްޑީސީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި އިއްޔެ ހަވީރު ބްލޫސް ފޯ ވޮލީބޯލްއާ ދެކޮޅަށް ކުޅުނު މެޗުން އެޗްޑީސީ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

އެޗްޑީސީން މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ 28-26، 25-15 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޝަމާއިލް ހުސެއިން އެވެ.

ފައިނަލް ބުރު ކުރިއަށް ގެންދަނީ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެޗްޑީސީ އާއި ބްލޫސް ފޯ ވޮލީބޯލްއާ އެކު، ގުރޫޕް އޭގައި ހިމެނޭ ހުރާ ކޮމިއުނިޓީ ކްލަބާއި ސްޕޯޓްސް ކްލަބް ސިޓީ ރޭ ބައްދަލުކުރި މެޗުން މޮޅުވީ ހުރާ އެވެ.

ހުރާ މެޗު ކާމިޔާބު ކުރީ ފަސޭހަކަމާ އެކު ތިން ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-11، 25-17 އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާ ކްލަބްގެ އިޝާން މުހައްމަދު (ބަޓިސް) އެވެ.

އެޗްޑީސީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިއްޔެ ހަވީރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ދިވެހި ސިފައިންގެ ކްލަބާއި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މި މެޗު ދަޑިމަގު ކާމިޔާބު ކުރީ 25-21، 25-23 އަދި 25-21 އިން ސެޓްތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބްގެ ލުއިސް ފިލިޕޭ ފެރެއިރާ ޕެރޯޓޯ އެވެ.

ގުރޫޕް ބީގައި ދެން ހިމެނޭ ޕޮލިސް ކްލަބް މިއަދު ދަޑިމަގު ޓީމާ ދެކޮޅަށް ނުކުންނާނެ އެވެ. އަދި ދެން ހިމެނޭ ދަ ސަދާން ސްޕޯޓްސް ކްލަބް މިރޭ ސިފައިންގެ ކްލަބާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮންމެ ގުރޫޕަކުން ވެސް ގަދަ ދެ ޓީމަށް މި އަހަރުގެ ގައުމީ ލީގުން ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން، ދެ ގުރޫޕްގެ ވެސް ތިންވަނައިގައި ނިންމާ ދެ ޓީމު ބައްދަލުކުރާ ކޮލިފައިން މެޗުން މޮޅުވާ ޓީމަކަށް ވެސް ލީގުން ފުރުސަތު ލިބޭނެ އެވެ.