25 ޖޫން 2025 - 20:21

އދ.ގެ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ތަންތަނަށް އިޒްރޭލާއި އެމެރިކާއިން ހަމަލާދީ، 12 ދުވަސް ވަންދެން ބަދަލުކުރި ހަމަލާތަކުގެ ރައްދުގައި އީރާންގެ މަޖިލީހުން މިގޮތަށް ފާސްކުރި ނަމަވެސް އެގޮތަށް އަމަލުކުރަން ފެށޭނީ މަޖިލީހުގެ ނިންމުންތަކަށް ފަހު ބަސް ބުނާ ޝޫރާ މަޖިލީހުން ތަސްދީގުކުރުމުންނެވެ.
"އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާ ކުޑަކޮށް ވެސް ކުށްވެރިކުރަން ދެކޮޅު ހެދި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ވަނީ އެ އިދާރާގެ އިތުބާރު ނީލަމަށް ލާފައި،" އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގޭރު ޣާލިބާފްއާ ހަވާލާދީ ދައުލަތުގެ ޓީވީން ބުންޏެވެ.
އެ ބިލު ތަސްދީގުކޮށްފި ނަމަ "އީރާނުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން އައިއޭއީއޭ އަށް އެއްބާރުލުން ދިނުން، ނިއުކްލިއާ ފެސިލިޓީތަކުގެ ސެކިއުރިޓީ ކަށަވަރު ކުރެވެންދެން ހުއްޓާލާނެ" ކަމަށް ޣާލިބާފް ވިދާޅުވި އެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ 290 މެންބަރުންގެ ތެރެއިން 221 މެމްބަރެއްގެ ވޯޓާ އެކުގަ އެވެ. އެއް މެންބަރަކު ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވަ އެވެ. އެކަމަކު އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓެއް ނުދެއްވަ އެވެ.
ޕާލަމެންޓްގެ މެމްބަރު އަލީރެޒާ ސާލިމީ ވިދާޅުވީ އެއްބާރުލުން ދިނުން ހުއްޓާލުމުން އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ މަތީ އިދާރާ، ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް ނިއުކްލިއާ ފެސިލިޓީތަކަށް ވަނުން މަނާވާނެ ކަމަށެވެ.