25 ޖޫން 2025 - 16:19

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ވަކި ކަމަކަށް ޝަރުތުކޮށް ނުވަތަ ވަކި ކަންކަމެއް ހާސިލްކުރަން ވާހަކަ ދެކެވިގެން ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެމްޑީޕީގެ ރައީސްކަމުން 2023 ވަނަ އަހަރު ވަކިވެވަޑައިގެން، ޑިމޮކްރަޓްސް ޕާޓީ އުފެއްދެވި ނަޝީދު ވަނީ އޭގެ ދެ އަހަރު ފަހުން މިދިޔަ ހޯމަ ދުވަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ
ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމާ ގުޅޭގޮތުން ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ފަހު އެވެ. ނަޝީދު އަލުން އަނބުރާ އެމްޑީޕީއަށް ގެންނެވުމުގައި އިސްކޮށް އުޅުއްވީ ފައްޔާޒެވެ.
އެހެންވެ، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯދައިދީ، އޭގެފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ޝަރުތާއެކު ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވެ އެވެ.
ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވައި ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ އެއްވެސް ޝަރުތަކާ ނުލައި ކަމަށާއި އަދި ޝަރުތެއްގެ ވާހަކަ ވެސް ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ މަގުސަދަކީ ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރުމުގައި އެހީތެރިވެދިނުން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް އެކަހަލަ ވާހަކައެއް ދެކެވިގެނެއް ނޫން ރައީސް ނަޝީދު މި ޕާޓީއާ ގުޅިވަޑައިގެންނެވީ. އެހެނެއް ނޫން ކުރިއަށް ހުރި އިންތިހާބުތައް ކާމިޔާބު ކުރުމާއި އެކަމުގައި އެހީތެރިވެދޭން. އަޅުގަނޑުމެންނާ ގުޅުމުގައި އެއްވެސް އެކަހަލަ ޝަރުތެއް، ރިޔާސީ ރޭހުގައި އެއްވެސް ބޭފުޅަކަށް ތާއިދު ކުރައްވާކަށް ނޫނީ އެއްވެސް ބޭފުޅެއްގެ ތާއިދު ހޯއްދަވާކަށް އަދި ރައީސް ނަޝީދު އެފަދަ ކަމެއްގައި ބައިވެރިވާނެކަމުގެ ވާހަކައެއް ވެސް ނުދެކެވޭ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ގައުމުގެ މިސްރާބު ބަދަލު ކުރުމަށް ކަމަށާއި ގައުމު ސަލާމަތް ކުރުމަކީ އެންމެ ބޮޑު މަގްސަދު ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ވިދާޅުވާ ގޮތަށް ޑީލެއް ހެދިގެނެއް ނޫން ރައީސް ނަޝީދު ވަޑައިގެންނެވީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު މިއަދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހާމަކަން ބޮޑު ގޮތަކަށް ޕްރައިމަރީގައި ވާދަކުރާނެ އިއުލާންކޮށްގެން އުޅެނީ އޭނާ އެކަނި ކަމަށާއި އެހެންކަމުން މިހާތަނަށް ގޮންޖެހުމެއް ނެތް ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ފައްޔާޒު މިއަދު ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ގާތް ބޭފުޅުން މެދުވެރިކޮށް އިއުލާން ކުރައްވައިފަ އެވެ.
އެންމެ ފަހުން 2023 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގަތް އިބޫ، ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވީ، ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވުމުންނެވެ.
ނަޝީދު ވެސް 2028 ގެ ރިޔާސީ އިންތިހާބަށް ނިކުންނެވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ވަނީ އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ހިޔާލު ހޯއްދަވައިފަ އެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެ އިންތިހާބުގައި ނަޝީދު ވާދަ ނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަ ކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު އޭނާ ހޯއްދެވި އެވެ.