25 ޖޫން 2025 - 15:28

އިދިކޮޅު ޕާޓީ، އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީއަށް 20 އަހަރު ފުރެނީ މާދަމާ އެވެ. އެ ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް މުޅި އަހަރަށް ބަހާލައިގެން ބާއްވަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އަހަރީ ދުވަހުގެ ހަރަކާތްތައް ފަށާނީ މާދަމާ ހެނދުނު އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ޕާޓީގެ އާންމު މެންބަރުންނާ އެކު ބާއްވާ ހެނދުނުގެ ސަޔަކުންނެވެ.
އެއަށް ފަހު ޕާޓީގެ ޖަގަހަތަކުގައި ދިދަ ނެގުމުގެ ހަރަކާތާއި ކޭކު ފެޅުމުގެ ހަރަކާތް ކުރިއަށްދާނެ އެވެ.
އޭގެއިތުރުން މާދަމާ މެންދުރު ފަހު، ޕާޓީގެ އެތެރޭގެ ފުޓްސަލް މުބާރާތެއް ފަށަން ވަނީ ނިންމައިފަ އެވެ. އަދި ޒުވާނުންގެ ރޫހުގެ ހާއްސަ ޕޮޑްކާސްޓެއް ފަށަން ވެސް ނިންމާފައިވެ އެވެ.
މުޅި އަހަރަށް ބަހާލައިގެން ހިންގާ ހަރަކާތުގެ ތެރެއިން ކޮންމެ ސިޓީއެއްގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އޭގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގަ އެވެ.
އަދި، "ރަން ރީނދޫ" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ދަންމަރަކާ އެކު ފަށާ މި ދުވުން ނިންމާނީ އަންނަ އަހަރުގެ މެއި މަހު އެވެ. އޭގެއިތުރުން އާޓް އެގްޒަބިޝަނަކާއި މިއުޒިކް ޝޯއެއް އަދި އެމްޑީޕީން ރާއްޖެއަށް ގެނައި ބަދަލުތައް ފެންނަ ފަދަ އިވެންޓެއް ވެސް ބާއްވަން ނިންމާފައިވެ އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީން ނިންމާފައިވަނީ 20 އަހަރު ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާށެވެ. އެންމެ ދުވަސްވީ ޕާޓީ، އެމްޑީޕީއަކީ ރާއްޖެއަށް ގެނައި ހެޔޮ އެތައް ބަދަލެއްގެ މޭސްތިރިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.