25 ޖޫން 2025 - 14:00

މަނާ ބޭހަށް ޕޮޒިޓިވްވެ، ގާތްގަނޑަކަށް ދެ އަހަރު ސަސްޕެންޝަނެއްގައި ހޭދަކުރި ޕޯލް ޕޮގްބާ ކެރިއާ އަލުން ފަށަން މޮނާކޯ އަށް ސޮއި ކޮށްފި އެވެ.
ޔުވެންޓަސް އަށް ކުޅެމުން ދަނިކޮށް ޕޮގްބާ މަނާ ބޭހަށް ޕޮޒިޓިވް ވީ އިޓަލީ އެންޓި ޑޯޕިން އިދާރާއިން ހެދި ޓެސްޓްތަކުންނެވެ. ސެޕްޓަމްބަރު 2023 ގައި އޭނާ ސަސްޕެންޑް ކުރީ ހަތަރު އަހަރުގެ މުއްދަތަކަށެވެ.
އެކަމަކު އޭނާ ހުށަހެޅި މައްސަލަ އިސްތިއުނާފު ކުރުމުން، އިސްތިއުނާފުން ނިންމީ ހަތަރު އަހަރުގެ ސަސްޕެންޝަން 18 މަހަށް ދަށް ކުރުމަށެވެ.
މިދިޔަ އަހަރު ސެޕްޓްމެންބަރު މަހު އޭނާގެ ސަސްޕެޝަނުގެ މުއްދަތު ވަނީ ހަމަވެފަ އެވެ.
އާ ކްލަބެއް ހޯދުމުގައި، އެމެރިކާ އާއި ސައުދީ އަރަބިއާގެ ކްލަބްތަކާ ޕޮގްބާ ވާހަކަ ދެއްކި އެވެ.
އެކަމަކު އޭނާ ސޮއި ކުރީ ފްރާންސްގެ މޮނާކޯ އަށެވެ. އެ ކްލަބުން މިއަދު ވަނީ އޭނާ އާ އެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފަ އެވެ.
އެމެރިކާ ނުވަތަ ސައުދީގައި ކުޅުމުގެ ވިސްނުން އޭނާ ދޫކޮށްލީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފްރާންސް ޓީމުން ޖާގަ ހޯދަން ފުރުސަތު އިތުރަށް ފަހި ކުރުމުގެ ގޮތުން ކަމަށް ފްރާންސްގެ މީޑިއާތަކުން ބުންޏެވެ.
އުމުރުން 32 އަހަރުގެ ޕޮގްބާ އަކީ ކުރިން ފްރާންސް ޓީމުގައި އެންމެ މުހިންމު މިޑްފީލްޑަރެވެ. ފްރާންސުން 2018 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު އެ ޓީމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.