25 ޖޫން 2025 - 12:35

ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި. އެ ލޭންޑިން ކްރާފްޓު ބަންޑުން ޖާހާލީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުން. މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް އޮޔާދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނި. "ވީމާ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ،" އެމްއެންޑީއެފުން ބުންޏެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓުން ދަތުރުކުރީ ސިފައިންގެ ތިން މީހަކާއި ތިން ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވޭ. މިހާރު ނުފެނިގެން ހޯދަނީ އެ ތަނުން ބިދޭސީއެއް.
ސިފައިންގެ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު މަރުވެފައި އޮއްވައި ފެނިފައިވީ ނަމަވެސް ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ދެންމެ ވެސް ބުނި. ލޭންޑިން ކްރާފްޓްގައި ދެން ތިބި މީހުންނަށް ކުދިކުދި އަނިޔާވި ކަމަށް އެމްއެންޑީއެފުން ބުނި.
އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބުމުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަ 2 އަލީ ހާމިދު ފެނުނު ކަމަށާއި އެކަމަކު އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ބުނި.
އެމްއެންޑީއެފުން ބުނީ ގެއްލިފައިވާ މީހުންގެ ތެރެއިން އެކަކު ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުންގެ މަސައްކަތުން ހޯދާފައިވާ ކަމަށް. މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލީ "އެލްސީ 308" ލޭންޑިން ކްރާފްޓް ކަމަށާއި އެއިން ހަ މީހުން ދަތުރުކުރި ކަމަށް ވެސް ބުނި. އޭގެތެރޭގައި ހިމެނެނީ ސިފައިންގެ ދެ މީހަކާއި އާންމުންގެ މީހަކައީ ބަންގްލާދޭޝް ތިން މީހަކު. އުޅަނދު ބަންޑުންޖަހާލީ ހެނދުނު 10:30 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާ އެކު ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށި ކަމަށް ވެސް ބުނި.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ އެތަނަށް ގެނެސްފައިވަނީ ތިން ދިވެހިންނާއި ދެ ބިދޭސީން ކަމަށް. މަރުވީ އެތަނުން ދިވެއްސަކު.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި މަރުވީ ސިފައިންގެ ވޮރަންޓް އޮފިސަރެއްގެ މަގާމުގައި ހުރި، ތ. ހިރިލަންދޫ މީހެއް. ނަމަވެސް މިކަން ރަސްމީކޮށް އަދި ކަށަވަރެއް ނުވޭ.
މި ހާދިސާ ހިނގިކަން ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް އެމްއެންޑީއެފުން އަދި ނުދޭ. މީޑިއާ އޮފިޝަލް ވިދާޅުވީ ފަހުން މައުލޫމާތު ހިއްސާކުރާނެ ކަމަށް.
ލޭންޑިން ކްރާފްޓުން ދަތުރުކުރީ ކިތައް މީހުން ކަމެއް ވެސް ނޭނގޭތީ މިހާތަނަށް ނުފެނި ވަނީ ކިތައް މީހުން ކަމެއް ވެސް ރަސްމީ އެއްވެސް ފަރާތަކުން އަދި ނުބުނޭ.
ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ދިވެއްސަކު ނިޔާވެފައިވާ ކަމަށް ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފި. އެތަނުން ބުނީ އިތުރު ފަސް މީހަކު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށާއި އިތުރު މީހުން ވެސް ހޮސްޕިޓަލަށް އެބަ ގެންނަ ކަމަށް.
ދަތުރު ކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އޭގައި ތިބި މީހުން ގެއްލިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލީ ސިފައިންގެ ކުންފުންޏެއް ކަމަށްވާ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށެވެ. އެއިން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ އުޅަނދުން ދަތުރުކުރީ ކިތައް މީހުން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.