25 ޖޫން 2025 - 10:44

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން އިތުރު އެއް ދުވަހަށް ސަރުކާރު ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 މި ފަހަރު ދިމާވަނީ ހޮނިހިރު ދުވަހާ ކަމަށް ވާއިރު އެ ދުވަހުގެ މުނާސަބަތުގައި ބަންދު ދުވަހެއްގެ ގޮތުގައި ލިބެނީ މިހާރު ކަލަންޑަރުގައިވާ ގޮތުން 27 ވާ އާދިއްތަ ދުވަސް އެކަންޏެވެ.
އެކަމަކު، ރައީސް އޮފީހުން މިއަދު ބުނީ، މި ފަހަރުގެ ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަސް ކަމަށް ވާތީ އިތުރު ކަންކަން ކުރިއަށް ގެންދާތީ ޖުލައި 28 ވާ ހޯމަ ދުވަސް ވެސް ބަންދުކުރަން ރައީސް ނިންމެވީ ކަމަށެވެ.
އެހެންވެ، އެ ނިންމެވުމާ އެކު މި ފަހަރުގެ މިނިވަންދުވަހާ ގުޅިގެން ހަތަރު ދުވަހަށް ސަރުކާރު ބަންދު ވާނެ އެވެ.
ރައީސް އޮފީހުން ބުނީ، މިނިވަންކަމަށް 60 އަހަރު ފުރޭތީ ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.
މިނިވަން ދުވަހުގެ ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ޖުލައި 29 ވަނަ ދުވަހެވެ.